ރާއްޖޭގައި އަލަަށް އުފެއްދި ޑިވެލޮޕްމަންޓް ބޭންކްގެ ސީއީއޯގެ މަގާމަށް ނޮއެލް ގްރެގާ ޕެޓާސަން-ޖޯންސް ހަަމަޖައްސައިފި އެވެ.
އޭނަ އަކީ ޗީފް އިންވެސްޓްމެންޓް އޮފިސަރެއްގެ ހައިސިއްޔަތުން ސަޢޫދީ ޢަރަބިއްޔާގެ ނެޝަނަލް އިންފްރާސްޓްރަކްޗަ ފަންޑު ގާއިމު ކުރުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި ނޮއެލް އަކީ އިލެކްޓްރިކް ވެހިކަލް އެފްރިކާ ފަންޑުގެ ޗެއާޕަސަންގެ އިތުރުން އިރުދެކުނު އޭޝިއާގައި ކްލީން އެނާޖީ ޕްރޮޖެކްޓްތައް މެނޭޖުކުރައްވައި ގްރީން ފައިނޭންސް އަދި އިންފްރާސްޓްރަކްޗަ ޑިވެލޮޕްމަންޓުގެ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ.
ނޮއެލް އަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީން މެނޭޖުމަންޓް ސްޓަޑީސްގެ ދާއިރާއިން މާސްޓަ އޮފް ފިލޯސަފީ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.
ޑިވެލޮޕްމަންޓް ބޭންކްގެ ޗެއާޕާސަނަކީ އަރޫނީ ގޫނަތިލަކަ އެވެ. އޭނަ އަކީ ބިޒްނަސް އޮރިޖިނޭޝަން، ގަވަނަންސް، ކްރެޑިޓް އެސެސްމަންޓް އަދި އަލަށް ވުޖޫދުވަމުން އަންނަ މާކެޓްތަކުގެ ރިސްކް މެނޭޖުކުރުމުގެ ދާއިރާއިން ޚާއްސަވެފައިވާ ބައިނަލްއަޤްވާމީ ފައިނޭންސިއަލް މާކެޓްގެ ފައިނޭންސިއަލް ސަރވިސް ތަޖުރިބާކާރެކެވެ.
މީގެ އިތުރުން ކޯޕަރޭޓް ބޭންކިން، ކްރެޑިޓް، ރިސްކް މެނޭޖްމަންޓް، އަދި ސްރީލަންކާގެ ބޭންކުތަކާ އިންޓަރނޭޝަނަލް ބޭންކުތަކުގެ އިންޓާނަލް އޯޑިޓިންގައި ވެސް ޗެއާޕަސަން އަރޫނީ ގޫނަތިލަކަ މުހިންމު ރޯލެއް އަދާކުރައްވާފައިވެ އެވެ.
އަރޫނީ ވަނީ ހާވާޑް ޔުނިވަރސިޓީން މާސްޓަރ އޮފް ލޯ ހާސިލުކުރައްވައިފަ އެވެ.
ޑިވެލޮޕްމަންޓްގެ ބޭންކްގެ ސީއީއޯ އާއި ޗެއާޕާސަނާ ރައީސް ޑރ. މުހައްމަދު ބައްދަލުކުރައްވާފައިވެ އެވެ. ރައީސް އޮފީހުގައި އޮތް އެ ބައްދަލުވުމުގައި އެ ބޭފުޅުންގެ ތަޖުރިބާގެ ބޭނުންކޮށްގެން ރާއްޖޭގެ އިގުތިސާދު ކުރިއަރުވައި ސިންދަފާތު ކުރެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވެ އެވެ.
ޑިވެލޮޕްމަންޓްގެ ބޯޑްގައި ރާއްޖޭގެ އަހުމަދު އަލީ އާއި ސިންގަޕޫރްގެ ސައީދު އަބްދުއްނާސިރު ބިން ސައީދު ހަސަން އަލް ޖުނައިދުގެ އިތުރުން އިނގިރޭސިވިލާތުގެ ރޮބާޓް ޑެނިއުލް ކާންޓްް ވެސް ހިމެނެ އެވެ.
ސަރުކާރުން ޑިވެލޮޕްމަންޓް ބޭންކް އުފެއްދީ މެއި 16 ގަ އެވެ. އެ ބޭންކަށް ލައިސަންސް ހޯދުމަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، (އެމްއެމްއޭ) އަށް އިކޮނޮމިކް މިނިސްޓްރީން ހުށައެޅީ މިދިޔަ މަހުގެ 28 ގަ އެވެ.