އިއްޔެ އުޅުނީ މާލީ ބަޣާވާތެއް ގެންނަން ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަމުން ޝިޔާމް ވިދާޅުވީ ބަޣާވާތަކީ އެމްޑީޕީން ވަރަށް ކުރާ ހިތްވާ ކަމެއް ކަމަށާއި ބަޣާވާތުގެ ވަރަށް ގިނަ ވައްތަރުތައް ހުންނަ ކަމަށެވެ. އެގޮތުން އިއްޔެ އިރު އެރިއިރު އެމްޑީޕީ އަޑީގައި އޮވެގެން މާލީ ބަޣާވާތެއް ގައުމަށް ގެންނަން މަސައްކަތް ކުރި ކަމަށް ޝިޔާމް ވަނީ ތުހުމަތުކޮށްފަ އެވެ.
އެގޮތުން ގައުމީ ބޭންކުން ދިވެހި ރައްޔިތުންގެ ކަރުގައި ހިފަން ނިންމުން ނިންމި އިރުގައި، އެމްޑީޕީ ސަރުކާރުގައި މަސައްކަތް ކުރި ބޭފުޅުން ޕްރެސްކޮންފަރެންސްގައި ތިބީ އެ ވާހަކަ ދައްކަވަން ކަމަށާއި އެއީ އިއްތިފާގެއް ނޫން ކަމަށް ޝިޔާމް ވިދާޅުވި އެވެ.
"މިއީ އިންތިޒާމު ކުރެވިގެން، މިއީ ރޭވިގެން ހިންގަން އުޅުނު ބަޣާވާތެއް،" ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހިކުމަތްތެރިކަން އެމްޑީޕީ އަށް ނޭނގުނު ކަމަށާއި އެމަނިކުފާނަކީ ރައްޔިތުންގެ ހައްގުގައި ކަންކަން ކުރައްވަން އަދި ކަންކަމާ ކުރިމަތިލައްވަން ކެރިވަޑައިގަންނަވާ ބޭފުޅެއްކަން ވެސް އެމްޑީޕީ ބޭފުޅުންގެ ހަނދާނުގައި ނެތް ކަމަށެވެ. ރައީސް މުއިއްޒުގެ ފަހަތްޕުޅުގައި މަސައްކަތް ކުރަން ހުރެވުނީތީ މިއަދު ފަހުރުވެރިވާ ކަމަށާއި ދިވެއްސެއްގެ ހައިސިއްޔަތުން އެމަނިކުފާނަށް ޝުކުރު އަދާކުރާ ކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ.
"އެއީ އިއްޔެގެ ބަޣާވާތުން ދިވެހި ގައުމު، ދިވެހި ރައްޔިތުން ސަލާމަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މަސައްކަތްޕުޅު އަޅުގަނޑު ދެލޮލުން ދުށް މީހަކަށް ވާތީ މިހެން ދަންނަވަން މިޖެހުނީ،" ޝިޔާމް ވިދާޅުވި އެވެ.
ރައީސް މުއިއްޒަކީ ގައުމަށާއި ރައްޔިތުންނަށް ދެރައެއް ލިބޭނެ ކަމެއް ކުރައްވާނެ ބޭފުޅެއް ނޫން ކަމަށާއި އަދި އެފަދަ ކަމަކަށް ޖާގައެއް ވެސް ރައީސް ނުދެއްވާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.