އިދިކޮޅު ފަރާތްތައް ސަރުކާރުގެ ކުރިމަތީގައި ގޮތް ހުސްވެފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ހަރުގެ ޖަލްސާގައި ރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދާދިފަހުން ޕީއެންއެފުން ބޭއްވި ޖަލްސާއެއްގައި ރާއްޖޭގައި ކުރިސްޓިއަން ދީން ފަތުރާތީ ޑީޕޯޓުކޮށްލާފައި ހުރި ޑޭވިޑް ހާޑިންހަމްއާއެކު ނަގާފައިވާ ފޮޓޯއެއް ދެއްކުމަށްފަހު އެމަނިކުފާނަކީ ލާދިނީ ބޭފުޅެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތްކޮށްފައިވާ ކަމަށާއި ނަމަވެސް އޭނާއާ ބައްދަލުކުރަން ދިޔައީ ލާދިނީ ކަންކަން ކުރާތީ އާއި ރާއްޖެއާ ނުގުޅޭ ވާހަކަތައް ދައްކާތީ އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ކަމަށެވެ.
"މި ދެންނެވި މިސާލުން އެކަނި އެބަ ފުދޭ އިދިކޮޅު ފަރާތްތަކުން އަޅުގަނޑުމެންގެ ކުރިމަތީގައި ގޮތް ހުސްވެފައިވާ މިންވަރު. އިތުރަށް ވެސް ހަދަންޏާ ހަދަން ޖެހޭނީ ދޮގު އަޅުގަނޑުމެންނާ ބެހޭގޮތުން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އިދިކޮޅުން ހަދަމުންދާ ދޮގުތަކުގެ ހަގީގަތް ސާބިތުކަމާއެކީ ރައްޔިތުންނަށް ހާމަކޮށްދެއްވާނެ ކަމަށާއި އިދިކޮޅު ފަރާތްތަކުން ވެސް ޒިންމާދާރުވާންޖެހޭ ކަމަށެވެ. ޒިންމާދާރުވުމަކީ ތެދު ބަހުން ވާހަކަ ދައްކައިގެން، ސަރުކާރުން ގޯސް ކަމެއް ކުރާނަމަ އެކަމެއް ރައްޔިތުންނަށް ކިޔައިދިނުމާއި އަދި ސަރުކާރުން ކުރާ ކަމެއް އެއަށް ވުރެ ރަނގަޅަށް ކުރާނެ ގޮތް ކިޔައިދިނުމާއި ސަރުކާރުން ރަނގަޅު ކަމެއް ކުރާނަމަ އެކަމުގައި ބައިވެރިވުން ކަމަށް ރައީސް ވިދާޅުވި އެވެ.
އިނގިރޭސިވިލާތް ފަދަ ގައުމުތަކުގައި ވެސް ސަރުކާރުން ގައުމަށް ފައިދާ ހުރި ކަމެއް ކޮށްފިނަމަ އިދިކޮޅުން އިސްވެ ތައުރީފު ކުރާ ކަމަށާއި ނަމަވެސް ރާއްޖޭގައި ދޮގު ހަދައިގެން ވެސް ބަލަނީ އިދިކޮޅު ވާން ކަމަށް ރައީސް ވިދާޅުވި އެވެ. އެއީ ރައްޔިތުންނަށް ފައިދާ ހުރި ގޮތެއް ނޫން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.