ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަލާކުވާ ވަރުގެ ކަމެއް ސަރުކާރުން ކޮށްގެން ނުވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޔާމީން މިހެން ވިދާޅުވެފައިމިވަނީ ބީއެމްއެލްއިން ރުފިޔާ ކާޑުން ޑޮލަރު ނުކެޑޭ ގޮތަށް މިދިޔަ އާދީއްތަ ދުވަހު ނިންމި ނިންމުމާ ދިމާކޮށް، މި ސަރުކާރު ބަދަލުކުރަން ބަޔަކު މަސައްކަތް ކޮށްފައިވާ ކަމަށް ބެލުމުގެ ޖާގަ އޮތް ކަމަށް ބުނެ، އެ މައްސަލަ ތަހުގީގު ކުރަން ފުލުހުން ފަށާފައިވާ ދަނޑިވަޅެއްގަ އެވެ.
ޕީއެންއެފްގެ ހަރުގެ ޖަލްސާގައި ރޭ ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ ފުލުހުން ނެރުނު ބަޔާނަށް ބަލާލުމުން ވެސް އެ އިދާރާ އިން ތަހުގީގު ކުރަނީ ސަރުކާރުގެ ސިޔާސަތާ ދެކޮޅަށް ބީއެމްއެލް އިން ކުރި ކަމެއްކަން އެނގޭ ކަމަށާއި މީގެ ސަބަބުން ބޭންކާއި މެދު އިތުބާރު ގެއްލުމަށް ޖާގަ ލިބިގެންދިޔުމަކީ ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ.
"މިއީ އަޅުގަނޑުމެން އެޓް އެނީ ކޯސްޓް އެވޮއިޑް ކުރަންޖެހޭ ކަމެއް. ރާއްޖޭގައި ހުރި ގައުމީ ބޭންކު ހަލާކުވާ ވަރުގެ ކަމެއް ސަރުކާރުން ކޮށްގެން ނުވާނެ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލާގައި ޗެކުތައް ބޭންކުގެ ތެރެއިން ދައުރުކުރި ނަމަވެސް ބޭންކާއި މެދު އިތުބާރު ގެއްލޭ ހިސާބަށް ކަންކަން ގޮސްދާނެތީ އެކަން އޮތީ ތަހުގީގުނުކޮށް ކަމަށާއި ނަމަވެސް މިހާރު މިއޮތީ އެއަށް ވުރެ ގޯސް ހިސާބަށް ގޮސްފައި ކަމަށެވެ.
"އެއީ މި ތަހުގީގު ކުރަނީ އެންމެ ސީރިއަސް ކުށްތައް، ޖިނާއީ މައްސަލަތައް ތަހުގީގުކުރާ ފުލުހުންގެ އިދާރާ އިން މިކުރަނީ،" ޔާމީން ވިދާޅުވި އެވެ.
މީގެއިތުރުން ޔާމީން ވަނީ ފިނޭންސް މިނިސްޓަރަށް ޒިންމާ އަދާނުކުރެވޭ ކަމަށްވެސް ވިދާޅުވެފަ އެވެ. އެގޮތުން ބީއެމްއެލްގެ ހާލަތު ބޭންކުގެ ބޯޑުގައި އިންނަވާ ފިނޭންސް މިނިސްޓްރީ ތަމްސީލުކުރަން އިންނަވާ ފަރާތް މެދުވެރިކޮށް މިނިސްޓަރު އޮޅުންފިލުވަންޖެހޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި ބީއެމްއެލް އަކީ ފިނޭންސްގެ ބެލެނިވެރިކަމުގެ ދަށުގައި އޮތް ތަނެއް ކަމަށްވާއިރު އެ ބޭންކާއި ދެކޮޅަށް ނިކުތް ވަޒީރުންގެ ތެރޭގައި ފިނޭންސް މިނިސްޓަރު ހިމެނޭކަން ވެސް ޔާމީން ފާހަގަކުރެއްވި އެވެ.