ކާބޯތަކެތި ތައްޔާރުކޮށް ވިއްކުމުގައި ގަވާއިދާ ހިލާފަށް އެއްވެސް ސާފުތާހިރުކަމެއް ނެތި، މާލޭގެ ގެއެއްގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީންތަކެއް އަނެއްކާ ވެސް އަތުލައިގެންފި އެވެ.
އިމިގްރޭޝަނުން ބުނީ މ. އެކިފަރުގޭގައި ބިދޭސީން ކުރަމުން ހިންގަމުން ދިޔަ ވިޔަފާރިއަކާ ގުޅިގެން ޓާސްކު ފޯސް އަށް ލިބިފައިވާ މަޢުލޫމާތަކާއި ގުޅިގެން މިދިޔަ ހޮނިހިރު އެތަން ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި އެ ތަނުގައި ގަވާއިދާ ހިލާފަށް ތިބި ތިން ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ވަނީ ގެނެސްފަ އެވެ.
އެ އިދާރާ އިން ބުނީ ކަމާގުޅުން ހުރި އިދާރާތަކުގެ އެހީތެރިކަމާ އެކީ އެކިފަރުގޭގައި ކުރަމުން ދިޔަ ވިޔަފާރި ހުއްޓުވުމަށް ނޯޓިސް ވެސް ދީފައިވާ ކަމަށެވެ.
ގަވާއިދާ ހިލާފަށް އަދި ސާފު ތާހިރުކަން ކުޑަކޮށް ކައްކައި، ކާތަކެތި ވިއްކާ މައްސަލަތަކުގައި މިހާތަން މާލެ އާއި ހުޅުމާލެ އިން ގިނަ އަދަދެއްގެ ބިދޭސީން އަތުލައިގެންފައިވެ އެވެ. އަދި ބިދޭސީން ހިންގަމުންދާ އެފަދަ ވިޔަފާރިތައް އަންނަނީ ހުއްޓުވަމުންނެވެ.