Last Updated: September 16, 22:20
Monday, September 16, 2024
ޚަބަރު

ކޫއްޑޫ ބަނދަރަށް ސައުދީ ފަންޑްގެ ޓީމެއް

ގއ. ކޫއްޑޫ ބަނދަރު އިތުރަށް ތަރައްގީ ކުރަން ކުރިއަށް ގެންދަން ހަމަޖެހިފައިވާތީ އެތަނުގެ މަސައްކަތްތައް ބެލުމަށް ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ޓީމެއް ޒިޔާރަތްކޮށްފި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ އަލަށް ފަށަން ހަމަޖެހިފައިވާ މަޝްރޫއުގެ ދަށުން ކޫއްޑޫ ބަނދަރު ޑިޒައިންކުރުމާއި މިހާރުގެ ބަނދަރުގެ އިތުރު މަސައްކަތްތައް ކުރުމާއި އާ ބަނދަރެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މިހާރު އެތަނުގައި ހިނގަމުން އަންނަ މަސައްކަތްތައް ބެލުމަށް ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ޓީމެއް ޒިޔާރަތްކުރި ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފުސީލުތަކެއް މިނިސްޓްރީން އަދި ހާމައެއް ނުކުރެ އެވެ.

ކޫއްޑޫ ބަނދަރު ތަރައްގީ ކުރަން ކުރިން އެމްޓީސީއާ ހަވާލުކުރި އެވެ. އެގޮތުން އެކަމާ ގުޅޭ އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހެދުމުގެ މަސައްކަތް މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ކޮށްފައިވެ އެވެ.

އޭރު މި މަޝްރޫޢުގެ ދަށުން، 90 މީޓަރުގެ ޝީޓް ޕައިލް އެޅުމުގެ މަސައްކަތާއި، 365 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 33,300 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 56,216 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 89,516 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި ބިން ހިއްކުމާއި، 325 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 87 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރަން ހަމަޖެހިފައި އޮތެވެ.

އެގޮތުން ކޫއްޑޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއަކީ 78.37 މިލިއަން ރުފިޔާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.