Last Updated: November 27, 01:11
Tuesday, November 26, 2024
ޚަބަރު

ލަދުގަންނަ ހިސާބަށް މިދިޔައީ ނާގާބިލު ވެރިއެއް ހުރުމުން

ފައްޔާޒް އިސްމާއިލް- ފޮޓޯ: އެމްޑީޕީ

އިއްޔެއަކީ ރާއްޖޭގެ ތާރީހުގައިވެސް ލަދުވެތި ދުވަހެއްގެ ގޮތުގައި ލިޔެވޭނެ ދުވަހެއް ކަމަށާއި މިހިސާބަށް ކަންކަން ދިޔައީ ނާގާބިލު ވެރިއަކު ވެރިކަމުގައި ހުރުމުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ، ރާއްޖެ މިހާލަތަށް ދިޔައީ ސަރުކާރަށް ކަންކަން މެނޭޖްކުރަން ނޭންގި، ނާގާބިލުކަމުން ކަމަށާއި އަދި ސަރުކާރުން ކަންކަން އޮޅުވާލުމަށް އިންތިހާއަށް ދޮގު ހަދަމުންދާކަމަށެވެ. މިސަރުކާރުގެ ކަންކަމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ މާލީ އަދި އިގްތިސާދީ ހާލަތު ނުބައި ހިސާބަކަށް ގޮސްފައިވާ ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.

އިއްޔެ އަކީ ލަދުވެތި ދުވަހެއްކަން ފާހަގަކޮށް ފައްޔާޒް ވިދާޅުވީ ސަރުކާރުން ނިކުމެ މާލީ ބަގާތެއް ގެންނަން އުޅެނީއޭ ކިޔާ ދެއްކީ ލަދުގަންނަކަހަލަ ވާހަކަތަކެއް ކަމަށެވެ.

ބީއެމްއެލްގެ ބޯޑުން ނިންމި ނިންމުމަކީ އެމްޑީޕީން ކުރިކަމެއްކަމަށް ދައްކަން އުޅެނީ ނާގާބިލު ކަމެއް ކަމަށާއި، ސާފުވާ ކަމަކީ ދިވެހިން ކަންބޮޑުވާން ޖެހޭ ހިސާބަށް ރާއްޖޭގެ ހާލަތު ގޮސްފައި އޮތްކަން ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ފައްޔާޒް ވިދާޅުވީ ކަންކަމާމެދު ރައީސް މުއިއްޒުގެ ވަށާޖެހޭ ވިސްނުމެއް ހުރިތޯ ސުވާލު އުފެދޭ ކަމަށާއި އަދި ސަރުކާރުގެ އެތެރޭގައި ގޯސްތަކެއް އުޅޭކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

މީގެއިތުރުން ފައްޔާޒް ވިދާޅުވީ ސަރުކާރުން މާލީ ބަގާވާތެކޭ ބުނެ ބީއެމްއެލްއަށް ކުރާ ބޮޑު ތުހުމަތަކީ މާލީ ނިޒާމު ފުނޑު ފުނޑުކޮށްލާވަރުގެ ކަމެއް ކަމަށެވެ.

މިކަންތައްގަނޑުގައި ފެނިގެން ދިޔައީ ސަރުކާރުން އިދިކޮޅު ފަރާތްތަކުގެ އަޑުކަނޑުވާލަން މަސައްކަތް ކުރާތަންކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި ބަގާވާތެކޭ ބުނުމުން އިދިކޮޅު ޕާޓީގެ މަސްއޫލިޔަތު އަދާނުކޮށް ފަހަތަށް ޖެހޭނެ ކަމަށް ހީކޮށްގެން ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ. މިކަމުގައި ފުލުހުން ނެރުނު ބަޔާނުން މިއީ ފުލުހުންނަށްވެސް ވަރަށް ލަދުވެތި ދުވަހެއް ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި ފުލުހުންގެ އިދާރާގެ ޕްރޮފެޝަނަލްކަން ހިފެހެއްޓުމަށް ޕޮލިސް ކޮމިޝަނަރު އިސްތިއުފާ ދެއްވަންޖެހޭ ކަމަށް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ އެމްޑީޕީ ފަހަތަށް ޖެއްސޭނެކަމަށް ހީވާނަމަ އެއީ ވަރަށް ބޮޑު ކުންހީއެއް ކަމަށާއި އެމްޑީޕީން ދައްކަންޖެހޭ ވާހަކަތައް ދައްކާނެ ކަމަށެވެ.