އެމްޑީޕީ އަކީ ބަޣާވާތް ކުރާ ޕާޓީއެއް ނޫން ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ފައްޔާޒު މިހެން ވިދާޅުވެފައިމިވަނީ ބީއެމްއެލްއިން ރުފިޔާ ކާޑުން ޑޮލަރު ނުކެޑޭ ގޮތަށް މިދިޔަ އާދީއްތަ ދުވަހު ނިންމި ނިންމުމާ ދިމާކޮށް، މި ސަރުކާރު ބަދަލުކުރަން ބަޔަކު މަސައްކަތް ކޮށްފައިވާ ކަމަށް ބެލުމުގެ ޖާގަ އޮތް ކަމަށް ބުނެ، އެ މައްސަލަ ތަހުގީގު ކުރަން ފުލުހުން ފަށާފައިވާ ދަނޑިވަޅެއްގަ އެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފައްޔާޒު ވިދާޅުވީ އިދިކޮޅު ޕާޓީއެއްގެ ޒިންމާއަކީ ސަރުކާރު ބަދަލުކުރުން ނޫން ކަމަށާއި އިދިކޮޅު ޕާޓީއެއްގެ ޒިންމާއަކީ ރައްޔިތުންނާއި ހަމައަށް ސަރުކާރުން ކަންކަން ކުރާގޮތް ތަފްސީލުކުރުމާއި ސަރުކާރު ޖަވާބުދާރީކުރުވުން ކަމަށެވެ.
"އަޅުގަނޑުމެންނަކީ ބަޣާވާތް ކުރާ ބައެއް ނޫން. އަޅުގަނޑުމެން މަގުމައްޗަށް ނިކުންނަނީ ސަރުކާރު ވައްޓާލާކަށެއް ނޫން،" ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ މަގުމައްޗަށް ނިކުންނަން ޖެހިއްޖެ ހާލަތު އަތުވެއްޖެ ނަމަ، މަގުމައްޗަށް ނިކުންނަނީ ސަރުކާރު ޒިންމާދާރުކުރުވައި، ސަރުކާރަށް ކަންކަމުގެ ވާހަކަ އަޑު އިއްވައި ސަރުކާރުގެ މިސްރާބު ބަދަލުކުރުމަށް ކަމަށެވެ. އެގޮތުން މިހާރުވެސް ތަފާތު އެކި ޕްލެޓްފޯމުތައް ބޭނުންކޮށްގެން ސަރުކާރަށް މެސެޖުތައް ދެވޭތޯ ބަލަމުންދާ ކަމަށާއި އެމްޑީޕީން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާއިރަށް ސަރުކާރު ތުރުތުރުއަޅައި، ބަޣާވާތް ކުރަން އުޅެނީއޭ ބުނާ ހިސާބަށް ދިޔުމަކީ ދަށް ފެންވަރުގެ ކަމެއް ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.
"އިދިކޮޅު ޕާޓީއެއްގެ ހައިސިއްޔަތުން މަގުމައްޗަށް މުޒާހަރާ ކުރަން ވެސް ނިކުންނާނަން. އެއީ ލިބިގެންވާ ހައްގެއް. އަޅުގަނޑުމެން އެ ކަންކަން މިކުރަނީ މިއަދުގެ ހާލަތާއި ބަލާފައި ޒިންމާދާރުކަމާއި އެއްކޮށް،" ފައްޔާޒު ވިދާޅުވި އެވެ.