ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްފަންތީގެ މުވައްޒަފުން ބިނާކުރުމަށް ވަރަށްބޮޑު އިސްކަމެއް ދެއްވާ ކަމަށް ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެ އެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ މޯލްޑިވްސް ލީޑަރޝިޕް ޕުރޮގުރާމުގެ ދެވަނަ ބެޗް "މޯލްޑިވްސް އެގްޒެކެޓިވް ލީޑަރޝިޕް ޕްރޮގްރާމް"ގެ ތަމުރީނު ސެޝަންތައް ރަސްމީގޮތުން ފެށުމަށް މިއަދު ބޭއްވެވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނައިބު ރައީސް ވިދާޅުވީ ރާއްޖޭގެ ތަރައްޤީގެ އެޖެންޑާއަށް ފާއިތުވި އަހަރުތަކުގެ ތެރޭގައި ފޯރުކޮށްދެއްވި އަގުނުކުރެވޭހާ އެހީތެރިކަމާ އެއްބާރުލެއްވުމަށްޓަކައި ދިވެހި ސަރުކާރުގެ ނަމުގައި އެކުވެރި ޢަރަބި އިމާރާތުގެ ރައީސް، އަދި އަބޫދާބީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ޒާއިދު އަލް ނަޙްޔާންއަށާއި ޔޫ.އޭ.އީގެ ބޮޑުވަޒީރު، ނައިބު ރައީސް އަދި ދުބާއީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމަށާއި ޔޫ.އޭ.އީގެ ނައިބު ރައީސް އަދި ބޮޑުވަޒީރުގެ ނައިބު ޝައިޚް މަންސޫރު ބިން ޒާއިދު އަލް ނަޙްޔާންއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، ކަމާގުޅޭ ޢިލްމާއި ހުނަރު ލިބި، ދުނިޔެއަށް އަންނަ ބޮޑެތި ބަދަލުތަކަށް ލޯހުޅުވި، މުސްތަޤްބަލަށް ތައްޔާރުވެފައިވާ ލީޑަރުންނާއި ސިޔާސަތުތައް އެކުލަވާލާ ފަރާތްތައް ބިނާކުރުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ. އަދި އެ ފަރާތްތަކުގެ ލީޑަރޝިޕް ހުނަރުތައް ތަރައްޤީކޮށް، އެއީ ކަންކަން ލީޑްކޮށް އީޖާދީ ބަދަލުތައް ގެނެސް، ސަރުކާރުން ކާމިޔާބީތައް ހޯދައިދިނުމުގައި މަސައްކަތްކުރާނެ ޗޭންޖް އެޖެންޓުންގެ ގޮތުގައި ބިނާ ކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
މިގޮތަށް މަސައްކަތްކުރުމުގައި ގާތް ރަހުމަތްތެރި އަވަށްޓެރި ޤައުމުތަކާ ގުޅިގެން ރާއްޖޭގެ މުއައްސަސާތަކުގެ ޤާބިލުކަން އިތުރުކޮށް ހަރުދަނާކުރުމަށާއި އިދާރާތަކުގެ ޕާފޯމެންސް ރަނގަޅުކުރުމަށް ކަމާގުޅޭ ފަރާތްތަކާ ވެސް ގުޅިގެން ސަރުކާރުން މަސައްކަތްކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
މޯލްޑިވްސް އެގްޒެކެޓިވް ލީޑަރޝިޕް ޕްރޮގްރާމު ފެށުމުގެ ގޮތުން މިއަދު ވަނީ ސްޓްރެޓެޖިކް ލީޑަރޝިޕް އަދި ޕޮލިސީ ރަނގަޅު ނިންމުންތައް ނިންމުމަށް އަމާޒު ހިފައިގެން 2 ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދާ މަސައްކަތު ބައްދަލުވުމެއްގެ ފަށާފަ އެވެ. ދެ ދުވަހުގެ މުއްދަތައް ކުރިޔަށްގެންދާ މި ސެޝަންތަކުގައި މި ޕްރޮގްރާމުގައި ހިމެނޭ ޖުމްލަ 5 މޮޑިއުލްގެ ތެރެއިން 2 މޮޑިއުލެއް ކުރިޔަށް ގެންދާނެ އެވެ.
މި ޕުރޮގުރާމުގެ ދަށުން ޔޫ.އޭ.އީގައި ވެސް ބައެއް ކުރިއަށްގެންދާނެ އެވެ. އެގޮތުން ޕްރޮގްރާމުގެ ބައިވެރިން ޔޫ.އޭއީގެ ކަނޑައެޅޭ ސަރުކާރުގެ ބައެއް އިދާރާތަކަށް ޒިޔާރަތްކޮށް އެ ޤައުމުގެ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ކުރިއަށްގެންދާ ރިފޯމް އެންޑް މޮޑަރނައިޒޭޝަން ޕުރޮގުރާމުތައް ދެނެގަނެ، ތަޖުރިބާ ހާސިލުކުރުމަށް ހަމަޖެހިފައިވެ އެވެ.