ދައުލަތް އިނދަޖައްސާލީ އެމްޑީޕީން ކަމަށާއި މިހާރު އުޅެނީ ގައުމު ހަލަބޮލިކުރަން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާގައި މިރޭ ވާހަކަދައްކަމުން ސައީދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން އައިއެމްއެފުން ދިން އެއްވެސް ލަފައެއް އަޑުނޭހި ކަމަށާއި ރިޔާސީ އިންތިހާބު އޮތް އަހަރު ޕްރިންޓު މެޝިނުގެ ގިޔަރު ކޮޅަށް ޖަހާލައި ފައިސާ ޗާޕުކުރަން ފެށީ ކަމަށެވެ. އަދި ގައުމު ދަރުވާލާއި، އިނދަޖައްސާލުމަށްފަހު މިއަދު ގައުމުގައި ކޮޅުފައިން ޖަހަން އެމްޑީޕީ ސަރުކާރުގެ ބޭފުޅުން މަސައްކަތް ކުރާ ކަމަށާއި އެ ބޭފުޅުންގެ އިހުލާސްތެރި ކަމެއް ނެތް ކަމަށް ސައީދު ވިދާޅުވި އެވެ.
"ގައުމު ބޮއިކޮޓް ކުރަން ވެސް ގޮވީ. އަދި މިއަދުވެސް މި ހާލަތަށް ގައުމު ވައްޓާލާފައި އަދިވެސް މަގުމައްޗަށް މީހުން ނެރެގެން ގައުމު ހަލަބޮލިކަމަކަށް ވައްޓާލަން އަބަދުވެސް،" ސައީދު ވިދާޅުވި އެވެ.
މަގުމަތި ހަލަބޮލިކުރަން އުޅުމުގެ ބަދަލުގައި އެމްޑީޕީގެ ސަރުކާރުގެ ބޭފުޅުން ވެރިކަން ނިންމާލާފައި ދިޔައިރު ގައުމުގެ މާލީ ހާލަތު އޮތް ގޮތުގެ ވާހަކަ އާއި ދަރަނި ދައްކަން އެ ބޭފުޅުން ގެންގުޅުނު ޕްލޭނު ކިޔައިދިނުން މާ ރަނގަޅު ކަމަށް ސައީދު ވިދާޅުވި އެވެ. ނަމަވެސް މި ވާހަކަތައް ދެެއްކުމުގެ ބަދަލުގައި ފުރަތަމަ ދުވަހުން ފެށިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން މަސައްކަތްކޮށް، އެމަނިކުފާނުގެ ވަޒީރުންނަށް މަޖިލީހުން ރުހުން ނުދީ ހިފެހެއްޓީ ކަމަށް ސައީދު ވިދާޅުވި އެވެ.
މީގެއިތުރުން ސައީދު ވަނީ ބީއެމްއެލް އިން ކާޑު ލިމިޓަށް ބަދަލު ގެނައި ވަގުތު އެމްޑީޕީން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިގެން މީހުން މަގުތަކަށާއި މުލިއާގެ ތެރެއަށް ވަންނަން ހިތްވަރު ދިނުމަކީ އިއްތިފާގެއްތޯ ވެސް ސުވާލު އުފައްދަވާފަ އެވެ.