Last Updated: September 16, 22:20
Monday, September 16, 2024
ޚަބަރު

ކުޑަހުވަދޫގައި ސްމާޓް މީޓަރުތައް ބޭނުންކުރަން ފަށައިފި

ޓެކްނޮލޮޖީގެ އެހީގައި ލިބޭ ކުރިއެރުންތަކުގެ ލުއި ފަސޭހަތައް، ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުމުގެ މަޤްސަދުގައި ފެނަކައިން ކުރިއަށް ގެންދާ ސްމާރޓް މީޓަރ ޕްރޮޖެކްޓްގެ ދަށުން، ދ. ކުޑަހުވަދޫގައި ސްމާރޓް މީޓަރ ހަރުކޮށް، ރަސްމީކޮށް ޚިދުމަތް ދޭން ފަށައިފި އެވެ.

ފެނަކަ އިން ބުނީ މި ޚިދުމަތުގެ ދަށުން ބޭނުންކުރެވޭ ސްމާރޓް މީޓަރަކީ، ކުރިން ބޭނުން ކުރަމުންދިޔަ އެނަލޮގް މީޓަރުތަކާއި ޑިޖިޓަލް މީޓަރުތަކުގެ ބަދަލުގައި މުޅީން އޮޓޮމޭޓްކުރެވި، ކަސްޓަމަރުންނަށް ފަސޭހަކަމާއެކު މޮނިޓަރ ކުރެވޭނެ މީޓަރެއް ކަމަށެވެ.

ކުޑަހުވަދޫގައި މި ޚިދުމަތް ފެށުމަށް ބޭއްވި ޙަފްލާ ޝަރަފުވެރިކޮށްދެއްވީ މޫސުމީ ބަދަލުތަކާ، ތިމާވެއްޓާ، ހަކަތައާއި ބެހޭ ވަޒީރު، ތޯރިޤް އިބްރާހީމެވެ.

ސްމާރޓް މީޓަރުގެ ޚިދުމަތާއެކު، ފެނަކައިން ވަނީ، ސްމާރޓް މީޓަރގެ މޯބައިލް އެޕްލިކޭޝަން ފީޗާރވެސް އިފްތިތާޙްކޮށްފައެވެ. މިއީ ފެނަކައިގެ ސްމާރޓް މީޓަރުތަކުގެ ޚިދުމަތް ލިބޭ ފަރާތްތަކަށް، އަމިއްލަ ފޯނުން، ގޭގައި ކަރަންޓު ހިނގާ މިންވަރު ދުވަހުން ދުވަހަށް ބަލައި މޮނިޓަރ ކުރެވޭނެ އެޕްލިކޭޝަނެކެވެ.

ސްމާރޓް މީޓަރ ޕްރޮޖެކްޓުގެ ދަށުން ރަށުގައި ބޭނުންކުރާ ހުރިހާ ކަރަންޓު މީޓަރެއް ސްމާރޓް މީޓަރަށް ބަދަލުކޮށް ނިމި ކުޑަހުވަދޫގައި މި ޚިދުމަތް މިރޭ ދޭން ފެށިއިރު، ރާއްޖޭގަ ފެނަކައިން ޚިދުމަތް ދޭ ހުރިހާ ރަށެއްގައި މި ޚިދުމަތް ދޭން ވަނީ ނިންމަފައެވެ.

އެގޮތުން މިހާރުވެސް ދާލު އަތޮޅުގެ ހުރިހާ ރަށެއްގެ އިތުރުން ގިނަ އަތޮޅުތަކެއްގައި މި ޕްރޮޖެކްޓްގެ ދަށުން ސްމާރޓް މީޓަރ ހަރުކުރުމުގެ މަސައްކަތް ފެނަކައިން ދަނީ ވަރަށް ބާރު ސްޕީޑުގައި ކުރަމުންނެވެ. އޭގެތެރޭގައި، ހ.ދ، ބ، މ، ފ، ތ އަތޮޅުގެ އިތުރުން ފުވައްމުލަކު ސިޓީގައިވެސް މި ޕްރޮޖެކްޓް ހިންގަމުން އެބަދެއެވެ. އޭގެ ތެރެއިން ދާލު އަތޮޅާއި ފޯއްމުލައް ސިޓީގައި، ސްމާރޓް މީޓަރ ހަރުކުރުމުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައެވެ.

ފެނަކައިން ގާއިމުކުރާ، ޗައިނާގެ ޑޮންފަންގ ކުންފުނީގެ އުފެއްދުމެއްކަމަށްވާ މި މީޓަރަކީ، ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭ، (އިންޓަރނޭޝަނަލީ ސަރޓިފައި ކުރެވިފައިވާ) ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް ބޭނުންކުރަމުންދާ މީޓަރެކެވެ. ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤަވައިދުތަކަށް ފެތޭ މި ސްމާރޓް މީޓަރ ޓެސްޓު ކުރެވޭނެ ވަޞީލަތްތައް ފެނަކާގައި ވަނީ ޤާއިމްކުރެވިފައެވެ.