Last Updated: September 16, 22:20
Monday, September 16, 2024
ޚަބަރު

ތިން އަހަރުތެރޭ ހުރިހާ ރަށަކަށް ސްމާޓް ކަރަންޓް މީޓަރު

ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ސްމާޓް ކަރަންޓް މީޓަރު ބެހެއްޓޭނެ ކަމަށް ހަކަތައާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ފެނަކަ އިން ކަަރަންޓްގެ ހިދުމަތް ދެމުން އަންނަ ރަށްތަކުގެ ތެރެއިން ދ. ކުޑަހުވަދޫގައި ސްމާޓް މީޓަރު ބޭނުން ކުރަން ފެށުން ފާހަގަކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ގޭބިސީތަކުގައި ޑިޖިޓަލް ސްމާޓް މީޓަރު ހަރުކުރުމަށް ކުރިއަށް ގެންދާ މަޝްރޫއަކީ ރާއްޖޭގެ ހަކަތައިގެ ސިނާއަތަށް ގެނެވުނު އިންޤިލާބީ ކުރިއެރުމެއް ކަމަށެވެ.

ތޯރިގް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ޑިޖިޓަލް ސްމާޓް މީޓަރު ހަރުކޮށް ނިމި ބޭނުންކުރަން ފެށުމާއެކު، ކަރަންޓު އެންމެ ގިނައިން ބޭނުންކުރެވޭ ގަޑިތައް ދެނެގަނެވޭނެ ކަމަށެވެ. އަދި ގޭބިސީތަކާއި ރަށުގެ ކޮންމެ ސަރަޙައްދެއްގައި ކަރަންޓުގެ މައްސަލައެއް ދިމާވި ނަމަވެސް ސްމާޓް މީޓަރުގެ ސަބަބުން މައްސަލަތައް ދެނެގަނެވޭނެ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ފާހަގަ ކުރެއްވި ގޮިތުގައި މިއީ ކަރަންޓު ހެޔޮގޮތުގައި ބޭނުންކުރުމަށް ލިބޭ ބާރެކެވެ. އަދި ސްމާޓް މީޓަރު މަޝްރޫޢު އެއްކޮށް ނިމޭއިރު ކަރަންޓުގެ އަގުހެޔޮވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މީގެ މާނައަކީ މިއީ ހަކަތަ އިގުތިސާދު ކުރުމަށް އެޅިގެން ދިޔަ ފިޔަވަޅެކޭ." ތޯރިގް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޑިޖިޓަލް ސްމާޓް މީޓަރު ހަރުކުރުމަކީ ސަރުކާރުން ވަރަށް އިސްކަންދޭ މަޝްރޫޢެކެވެ.

އެގޮތުން ފެނަކަ އާއި ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތް ދެމުން އަންނަ ރަށްރަށުގައި މި މަޝްރޫޢު ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި ނިންމާލުމަކީ އަމާޒެއް ކަމަށް ވިދާޅުވި އެވެ. އަމާޒެއްކަމަށެވެ. އަދި ހުރިހާ ރަށެއްގައި ނިޒާމު ޤާއިމުކުރެވުމާ އެކީ ކަރަންޓު ބޭނުންކުރާ މިންވަރު ބެލުމަށް ފަހު "ޓައިމް އޮފް ޔޫޒް ޓެރިފް" ތަޢާރަފު ކުރެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި
އެވެ.