ރާއްޖޭގެ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ފުރަތަމަ މަޝްރޫއު މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދ ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި މިނިސްޓަރު ރޭ ވިދާޅުވީ ރާއްޖޭގައި ބޭރު ފައިސާ އަށް އެންމެ ބާރު ބޮޑު ކުރާ އެއް ކަމަކީ އިންޕޯޓްކުރާ ތެލަށް ކުރާ ހަރަދު ކަމަށެވެ. އެގޮތުން އަހަރަކު 500-600 މިލިއަން ޑޮލަރާ ހަމައަށް ތެޔޮ ގަންނަން ދައުލަތުން ހޭދަވާ ކަމަށް ސައީދު ވިދާޅުވި އެވެ.
އެގެންވެ އެސްއީޒެޑްގެ ފުރަތަމަ ޕްރޮޖެކްޓެއްގެ ގޮތުގައި ނޮބެމްބަރުގައ ފަށާ ސޯލާ ސިޓީ ޕްރޮޖެކްޓުން 100 މެގަވޯޓުގެ ކަރަންޓް އުފައްދާއިރު ތެލަށް ކުރާ ހަރަދުގެ ބޮޑު ބައެއް ކުޑަކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެ މަޝްރޫއު ފެށުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު ނިމުމަކާ ގާތްވެފައިވާ ކަމަށެވެ. އެގޮތުން ކޮމާޝަލް ކޮންޓްރެކްޓް ޓެކްނިކަލް ކޮންޓްރެކްޓާއި އީއައިއޭ އޮތީ ނިމުމާ ގާތުގައި ކަމަށް ވިދާޅުވި އެވެ.
"[އެހެންވެ] އުންމީދަކީ އިރާދަކުރެއްވިއްޔާ އޮކްޓޯބަރު މަހު ފުލް ލައިސަންސް ދީފައި ނޮވެމްބަރު މަހު މަސައްކަތް ފިޒިކަލްކޮށް ފެށުން،" ސައީދު ވިދާޅުވި އެވެ. "އަދި ތިން އަހަރުގެ ތެރޭގައި 100 މެގަވޯޓުގެ ކަރަންޓު އުފެއްދުން."
އެ ޕްރޮޖެކްޓް ކުރިއަށް ގެންދާނީ ކެނެޑާގެ ކުންފުންޏެއް ކަމަށްވާ އަބްރަކްސަސް ޕަވާ ކޯޕަރޭޝަނުންނެވެ. އެ ކުންފުނީގެ ޓެކްނިކަލް ޕާޓްނަރަކީ ސަންގްރޯ ޕަވާ ސަޕްލައި ކޮމްޕެނީ އެވެ.
މި ސޯލާ މަޝްރޫއުގެ ދަށުން މާލެ ސަރަހައްދުގައި 150 މެގަވޮޓްގެ ފްލޯޓިން ފޮޓޯ ވޮލްޓައިކް (ޕީވީ) އިންޖީނުގެއަކާއި އެއާ ގުޅުންހުރި ސިވިލް އަދި އިލެކްޓްރިކަލް އިންފްރާސްޓްރަކްޗާއެއް ގާއިމުކޮށް، ލީ އޮން ބެޓެރީ ސިސްޓަމަކާއި އެނާޖީ މެނޭޖްމަންޓް ސިސްޓަމަކާއި މައި ޕަވާ ގްރިޑާ އިންޓަކަނެކްޝަނަށް ބޭނުންވާ އިންވެސްޓްމަންޓްތަކާ އެކު ގުޅާލެވޭނެ އެވެ.