ބޮލީވުޑްގެ ތަރި ރިތިކް ރޯޝަން ކުރިން ދިރިއުޅެމުން އައި މުމްބާއީގެ ޖުހޫގެ ލަގްޒަރީ އެޕާޓްމަންޓް ބަތަލާ، ޝްރަދާ ކަޕޫރް ގަނެފައިވާ ކަމަށާއި ވަރަށް އަވަހަށް އޭނަ އެތަނަށް ބަދަލުވާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ އާ އެޕާޓްމަންޓަށް ޝްރަދާ ބަދަލުވުމާ އެކީ އޭނަ ވަނީ އަކްޝޭ ކުމާރުގެ އަވައްޓެރިއަކަށް ކަމަށެވެ. ސަބަބަކީ އެ ދެ އެޕާޓްމަންޓް ވެސް ހުންނަނީ އެއް އިމާރާތެއްގައި ކަމަށްވާތީ އެވެ. ޖުހޫގެ އެންމެ ހިތްގައިމު އެއް ސަރަހައްދުގައި ހުންނަ އަދި ސީ ވިއު ވެސް ލިބޭ ގޮތަށް ހުންނަ އެޕާޓްމަންޓް އިމާރާތަކީ އެކިއެކި ސެލެބްރިޓީން ދިރިއުޅެމުން އަންނަ ތަނެއް ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.
ރިތިކްގެ އެޕާޓްމަންޓް ގަންނަން ދާދި ފަހުން އެކްޓަރު ވަރޫން ދަވަން ވެސް ހުށަހެޅި ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ރިތިކްގެ އަގުބޮޑު އެޕާޓްމަންޓް ޝްރަދާ ގާތް ވާހަކަ ދެކެވެން މި ފެށީ އެ ދެ ތަރިން އެކީގައި ފިލްމެއް ކުޅެން އުޅޭ ވާހަކަ ވެސް މީގެ ހަފުތާއެއް ކުރިން ދެކެވިފައި ވަނިކޮށެވެ. އެއި ރިތިކް ސުޕަހީރޯ ފްރެންޗައިޒް "ކްރިޝް 4" ގަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އެ ފިލްމުގެ ބަތަލާ އަކީ އެކްޓަރު ޝަކްތީ ކަޕޫރްގެ ދަރިފުޅު ޝްރަދާ އެވެ.
މިހާރު އިންސްޓަގްރާމްގައި ދެވަނަ އަށް އެންމެ ގިނަ ފޮލޯވަރުން ތިބި އިންޑިއާގެ ސެލެބްރިޓީގެ ޝަރަފު އޮތް ޝްރަދާގެ އެންމެ ފަހުގެ ފިލްމަކީ ބޮކްސް އޮފީހުގައި މިހާރު ރަނިކަން ކުރަމުން އަންނަ "އިސްތިރީ 2" އެވެ.