ރ. އުނގޫފާރު ސްކޫލަށް އެ ރަށު ކައުންސިލުން 10 ކޮމްޕިއުޓަރު ހަދިޔާކޮށްފި އެވެ.
އުނގޫފާރު ސްކޫލުން ބުނީ އެ ކޮމްޕިއުޓަރު ސިސްޓަމްތަކަކީ ސްކޫލުގެ ކޮމްޕިއުޓަ ލެބުގެ ޚިދުމަތް ފުޅާކުރުމަށާއި ދަރިވަރުންގެ ކިޔެވުން ނުހުއްޓި ކުރިއަށް ދިއުމަށް ލިބުނު ވަރަށް ބޮޑު އެހީއެއް ކަމަށެވެ.
އުނގޫފާރު ސްކޫލުގައި ކޮމްޕިއުޓަ ސައިންސް 19 ދަރިވަރަކު މިހާރު ކިޔަވަ އެވެ. ނަމަވެސް ކޮމްޕިއުޓަ ލެބްގައި ރަނގަޅަށް ހުރީ އެންމެ ހަތަރު ސިސްޓަމް ކަމަށްވާތީ އެކަމުގެ ދަތިކަން ކުރިމަތިވެފައިވެ އެވެ.
އުނގޫފާރު ސްކޫލުން ކައުންސިލުން ކޮމްޕިއުޓަރުތަކެއް ހަދިޔާކުރީ ފާއިތުވި ދިރާސީ އަހަރު ނިމެމުން ދަނިކޮށް ކައުންސިލާ އެކީ ބޭއްވި ބައްދަލުވުމެއްގައި ސްކޫލުން ކޮމްޕިއުޓަރުގެ ދަތިކަމުގެ ވާހަކަ ހިއްސާކޮށްފައިވާތީ ކަމަށެވެ. އެހެންވެ އެކަމަށްޓަކައި ސްކޫލްގެ މެނޭޖްމަންޓާއި ދަރިވަރުންނާއި ބެލެނިވެރިންގެ ފަރާތުން ކައުންސިލަށް ޝުކުރު އަދާކޮށްފައިވެ އެވެ.
ގްރޭޑް 10 އާ ހަމަަށް ކިޔަވައި ދެމުން އަންނަ އުނގޫފާރޫ ސްކޫލުގައި 500 އެއްހާ ދަރިވަރުން ކިޔަވަ އެވެ.