ރައްޔިތުންގެ މަޖިލިސް މިވަގުތު ޗުއްޓީގައި އޮތްނަމަވެސް ސަރުކާރަށް މުހިންމު ކަމެއް ދިމާވެއްޖެނަމަ ޖަލްސާ ބާއްވަން ތައްޔާރަށް ތިއްބެވި ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީއެންސީން މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ދިވެހި ރައްޔިތުން ސަރުކާރަށް ދެއްވާފައިވަނީ މަޖިލީހުގެ ވަރަށް ތަނަވަސް އަގުލަބިއްޔަތެއް ކަމަށެވެ. އަދި އެ އަޣުލަބިއްޔަތު ދިނީ ސަރުކާރުން ބޭނުންވާ ކަންކަން މަޖިލީހުގެ ތެރެއިން، ސަރުކާރަށް ދަތިނުވާނެ ގޮތަށް ކުރުމަށް ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
އެހެންކަމުން މަޖިލިސް ޗުއްޓީގައި އޮތްނަމަވެސް ސަރުކާރަށް މުހިންމު ކަމެއް ދިމާވެއްޖެނަމަ ދައުރުން ބޭރުން ޖަލްސާ ބާއްވަން ތައްޔާރަށް ތިއްބެވި ކަމަށް ވިދާޅުވިއެވެ.
ބީއެމްއެލްއިން ޑޮލަރުގެ ކަންކަމުގައި ނިންމި ނިންމުމާއެކު ދިމާވި ފާޑުކިޔުންތަކަށްފަހު އެ ނިންމުން ބަދަލުކޮށްފައިވާއިރު ސަރުކާރުން ވަނީ ޑޮލަރުގެ ހާލަތު ރަނގަޅު ކުރުމަށް ބައެއްކަހަލަ ޤާނޫނުތަކަށް ބަދަލު ގެންނަވާނެކަން ފާހަގަ ކުރައްވާފައެވެ.
މަޖިލީހުގެ ގަވައިދުގައި ބުނެފައިވަނީ މަޖިލީހުގެ ދެވަނަ ދައުރު ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮގަސްޓު މަހުގެ ފަނަރަވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި މަޖިލިސް ޗުއްޓީއަށް ދިއުމަށްފަހު ތިންވަނަ ދައުރު ހިނގާނީ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށެވެ. މަޖިލީހުގެ ފުރަތަމަ ދައުރު ހިންގަނީ ފެބުރުވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މޭ މަހުގެ ފަނަރަވަނަ ދުވަހުގެ ނިޔަލަށެވެ.