Last Updated: January 11, 06:30
Saturday, January 11, 2025
ޚަބަރު

ސަރުކާރު ބަދަލުކުރަން "ރޭވި" މައްސަލަ ދިރާސާ ކުރަނީ

ގާނޫނީ ސަރުކާރެއް ޣައިރު ގާނޫނީކޮށް ބަދަލު ކުރަން މަސައްކަތް ކުރި ކަމަށް ތުހުމަތުކޮށް ފުލުހުން ފަށާފައިވާ ހާއްސަ ތަހުގީގާއި ގުޅިގެން ބަލަންޖެހޭ އެންމެހައި ކަންކަން ތަފްސީލުކޮށް ދިރާސާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން މިއަދު ބުނެފައިވަނީ، މި މައްސަލައާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގުގައި، ހޯދަންޖެހޭ އެންމެހައި މައުލޫމާތު އެއްކުރުމާއި، ބަލަންޖެހޭ އެންމެހައި ކަންކަން ތަފްސީލުކޮށް ދިރާސާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މީގެ އިތުރުން، ފިޔަވަޅު އަޅަންޖެހޭ ފަރާތެއްވާނަމަ އެކަން ދެނެގަތުމާއެކު، ތަހުޤީޤު މަރުޙަލާގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ހޯމަ ދުވަހުގެ ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުގެ މައި ހިއްސާ އޮންނަ ބޭންކަކުން ސަރުކާރުގެ މަޝްވަރާއާ ހިލާފަށް ދިވެހި ގިނަ ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭފަދަ ނިންމުންތަކެއް ނިންމި ވަގުތާ ދިމާކޮށް ސިޔާސީ ފަރާތްތަކުން ސަރުކާރުގެ މާލީ ހާލަތާއި ބެހޭ ގޮތުން ނޫސްވެެރީންގެ ބައްދަލްވުމެއް ބާއްވައި ހަމަ އެވަގުތު ސޯޝަލް މީޑިއާގައި އެތައް ސަތޭކަ ބޮޓް އެކައުންޓް ބޭނުންކޮށް ސަރުކާރު ވައްޓާލަން މަގުތަކަށް ނިކުތުމަށާއި އާންމު ހަމަޖެހުން ނަގާލުމަށް ގޮވާލާ ގައުމުގެ މަސްލަހަތު ނަގާލުމަށް ހިތްވަރުދީ ހަދާފައިވާ ކަމަށެވެ. މިކަމަކީ ގާނޫނީ ސަރުކާރެއް ގައިރު ގާނޫނީކޮށް ބަދަލުކޮށްލުމަށް ކުރެވިގެން ދިޔަ ކަމެއް ކަމަށް ބެލުމުގެ ޖާގަ އޮތުމުން މި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ބަޔާނުގައިވެއެވެ.

ބީއެމްއެލް އިން ވަނީ ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތް ކުރުމަށް ދީފައިވާ ޑޮލަރު ލިމިޓް އެއްކޮށް ކަނޑާލަން ނިންމާފައެވެ. ނަމަވެސް ފަހުން އެ ނިންމުން ބީއެމްއެލުން ބަދަލުކުރިއިރު، ސަރުކާރުން ވަނީ ބީއެމްއެލުން އެ ނިންމުން ނިންމީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގުމާއި ހިލާފަށް ކަމަށް ބުނެފައެވެ. އަދި މިކަމަކީ ރާއްޖެއަށް މާލީ ބަޣާވާތެއް ގެންނަން ކުރި ކަމެއް ކަމަށްވެސް ސަރުކާރު ހިންގާ ޕީއެންސީން ތުހުމަތު ކޮށްފައިވެއެވެ.