Last Updated: January 11, 06:30
Saturday, January 11, 2025
ޚަބަރު

އޮންލައިންކޮށް ސަދަޤާތް ކުރެވޭ ގޮތް ހަދައިފި

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވެބްސައިޓު މެދުވެރިކޮށް އޮންލައިންކޮށް ޞަދަޤާތް ކުރެވޭނެ އިންތިޒާމް ހަމަޖައްސާ އެކަން ލޯންޗުކުރައްވައިފިއެވެ.

މިކަން ލޯންޗުކޮށްފައިވަނީ މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ކުރިއަށްދިޔަ ހާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.

މިނިސްޓްރީ މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެވޭ ކަންތައްތަކުގެ ތެރޭގައި ޤުރުއާން ހިފްޘު ކުލާސްތަކަށް އެހީވުމަށާއި، އުމްރާއަށް ފޮނުވުމަށް އެހީވުމާއި، އިސްލާމީ ދާއިރާތަކުން މަތީ ތައުލީމަށް އެހީވުމަށާއި، އިސްލާމީ ލައިބްރަރީތައް ޤާއިމްކުރުމަށް އެހީވުމަށާއި، މިސްކިތް ބިނާކުރުމަށް އެހީވުމަށާއި، ޤުރުއާން ހިތުދަސްކޮށް ނިންމާ ފަރާތްތައް އުމްރާއަށް ފޮނުވުމަށާއި، ދީނީ ހަރަކާތްތަކަށް ސްޕޮންސަރ ދިނުމުގެ އިތުރުން މިސްކިތްތަކަށް އެހީވުން ހިމެނެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޝަހީމް ވަނީ އެ މިނިސްޓްރީގެ ވެބްސައިޓު މެދުވެރިކޮށް ސަދަޤާތް ކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދިއުމަކީ ސަދަޤާތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެކަމެއްކަމަށާއި ދީނީ އެކި ކަންކަމަށް ވީހާވެސް ގިނަ ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދެއްވުމަށް އެދިލެއްވިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވެބްސައިޓުގައި މިކަމަށްޓަކައި ޤާއިމްކޮށްފައިވާ ޕޭޖުން ސަދަޤާތްތަކާއި ގުޅޭ ޚަބަރުތަކާއި، އެކި ފަރާތްތަކުގެ ދީލަތި އެހީތެރިކަމާއެކު ޤާއިމްކުރާ މިސްކިތްތަކުގެ މައުލޫމާތާއި ފަންޑުތަކުގެ ރިޕޯޓު ލިބޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ.