Last Updated: November 27, 06:09
Wednesday, November 27, 2024
މުނިފޫހިފިލުވުން

"ދޫމް 4" ގެ ޑައިރެކްޝަން އަޔާން އަށް؟

އަޔާން އަދި އަދިތިޔާ.

ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ކާމިޔާބު "ދޫމް" ފްރެންޗައިޒްގެ ހަތަރު ވަނަ ބައި ޑައިރެކްޓްކުރަން ޒުވާން ޑައިރެކްޓަރު، އަޔާން މުކަރްޖީ އަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ބައެއް މީޑިއާތަކުން މިއަދު ބުނީ މިކަމާ ގުޅޭ ގޮތުން ޕްރޮޑިއުސަރު އަދިތިޔާ ޗޯޕްޅާ އާއި އަޔާންއާ ދެމެދު މިހާރު މަޝްވަރާތަކެއް ކުރިއަށްދާ ކަމަށެވެ. އަދި "ދޫމް 4" އާ އަޔާން ހަވާލުވާނެތޯ ނޫންތޯ ނިންމާނީ އޭނަ މިހާރު ވައިއާރްއެފަށް ޑައިރެކްޓްކުރަމުން އަންނަ "ވޯ 2" ގެ މަސައްކަތް ނިމުމުން ކަމަށް މީޑިއާތަކުން ބުންޏެވެ.

އަންނަ އަހަރުގެ ކުރީކޮޅު ރިލީޒްކުރާނެ ކަމަށް ބެލެވޭ އެ ފިލްމުގެ ތަރިންނަކީ ރިތިކް ރޯޝަނާއި ކިއާރާ އަދުވާނީގެ އިތުރުން އެންޓީއާރް ޖޫނިއާ އެވެ. "ވޯ 2" ގެ ޝޫޓިން މި އަހަރުގެ ނޮވެމްބަރަށް ނިމޭނެ އެވެ. މި ފިލްމަކީ މިދިޔަ އަހަރު ޝާހްރުކް ޚާންގެ "ޕަތާން" ގެނެސްދިން ޑައިރެކްޓަރު ސިދާތު އާނަންދު 2019 ގައި ގެނެސްދިން "ވޯ" ގެ ސީކްއެލް އެވެ.

މިއީ ވައިއާރްއެފްގެ ސްޕައި ޔުނިވާސް އަށް ނިސްވަތްވާ ފިލްމެކެވެ.

އަޔާން މިހާތަނަށް ފިލްމުތަކެއް ހެދީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނަށެވެ. އަދި އޭނަގެ އެންމެ ފަހުގެ ފިލްމަކީ ޓްރިލޮޖީއެއްގެ ގޮތުގައި ގެނެސްދޭން ނިންމާފައިވާ "ބުރައްމަސްތުރާ" ގެ ފުރަތަމަ ބައެވެ. ރަންބީރް ކަޕޫރާއި އާލިއާ ބަޓް ކުޅުނު އެ ފިލްމު ރިލީޒްކުރީ 2022 ގަ އެވެ.

އޭގެ ކުރިން އަޔާން ހަދާފައިވާ ފިލްމުތަކަކީ 2013 ގެ "ޔެ ޖަވާނީ ހޭ ދީވާނީ" އާއި 2011 ގެ "ވޭކަޕް ސިދު" އެވެ.

ބޮލީވުޑްގެ އެންމެ މަގުބޫލު ފްރެންޗައިޒްގެ ތެރޭގައި ހިމެނޭ "ދޫމް" ގެ ފުރަތަމަ ދެ ފިލްމު ޑައިރެކްޓްކުރީ މިދިޔަ އަހަރު މަރުވި ސަންޖޭ ގަދުވީ އެވެ. ދެހާސް ހަތަރެއްގައި "ދޫމް" ގެނެސްދިނުމަށް ފަހު "ދޫމް 2" ރިލީޒްކުރާނީ 2006 ގަ އެވެ. އަދި ވިޖޭ ކްރިޝްނާ އަޗާރިއާ (ވިކްޓާ) ޑައިރެކްޓްކޮށް "ދޫމް 3" ގެނެސްދިނީ 2013 ގަ އެެވެ.