އަންނަ އަހަރުފެ ފެބްރުއަރީ މަހުގެ ތެރޭގައި ލޭނުގެ މަސްވެރިކަމަށް ހުޅުވައިލެވޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.
ވެރިކަން ކުރާ، ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނަ ވިދާޅުވީ ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށްޓަކައި ލޭނު މަސްވެރިކަން ކޮންމެހެން ފެށުމަށް ކުރަން ޖެހޭ މަސައްކަތައް ކަމާ ގުޅުންހުރި ފަރާތްތަކާއެކު ކުރަމުން އަންނަ ކަމަށެވެ.
"ފެބްރުއަރީގައި އަޅުގަނޑުމެން މި ގަސްތުކުރަނީ ލޯންގް ލައިން ފިޝަރީޒް ހުޅުވާލަން،" ޝިޔާމު ވިދާޅުވި އެވެ. "މި ދޭތެރޭގައި ކުރަން ހުރި ހުރިހާ މަސައްކަތްތަކެއް ހަމަ ހުރިހާ ސްޓޭކް ހޯލްޑަރުންނާއި މަސްލަހަތުވެރިންނާއި އެކީގައި މަސައްކަތް ކުރަމުން އަޅުގަނޑުމެން މި ދަނީ."
އޭނަ ވިދާޅުވީ ލޭނު މަސްވެރިކަމަށް ހުޅުވާލާ އިރު އެކަމަށް އެކުލަވާލި ގަވާއިދު އާންމުންގެ ހިޔާލާއެކު ވީހާ ވެސް ރައްކާތެރިކޮށް، ގިނަ ދިވެހިންނަށް އެކަމުގައި ހަރަކާތްތެރިވެވޭނެ ގޮތަށް ބައްޓަން ކުރާނެ ކަމަށެވެ. އަދި އެ މަސްވެރިކަމުން މަގަނޑަކަށް 92 މިލިއަން ޑޮލަރު ޖެނެރޭޓް ކުރެވޭއިރު ލޭނު މަސްވެރިކަމާއެކު އާމްދަނީ 120 ޑޮލަރަށް އިތުރު ކުރެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ޝިޔާމު ވިދާޅުވީ ލޯބޮޑު ކަންނެއްޔަކީ ދުނިޔޭގެ ބާޒާރުގައި ވަރަށް ރަނގަޅު އަގެއް ލިބޭ މަހެއް ކަމަށާއި ދުނިޔެ ހޫނުވާ މިންވަރަށް ބަލާއިރު މިހާރު ލޯބޮޑު މަސްވެރިކަމުގެ އެއްވެސް ކަމެއް ނުކުރެވޭ ކަމަށެވެ.
"ވަކިން ހާއްސަކޮށް ލޯބޮޑު ކަންނެއްޔަކީ ދުނިޔޭގެ ބާޒާރުގައި ވަރަށް އަގު ރަނގަޅު ޓޫނާގެ ބާވަތެއް. އަޅުގަނޑުމެންނަށް އެއްވެސް ވަރަކަށް ލޯބޮޑު ކަންނެލީގެ މަސްވެރިކަން ނުކުރެވި މިދަނީ،" އޭނަ ވިދާޅުވި އެވެ. "ކަންނެލި މަސްވެރިކަން ވެސް މިދަނީ ދުވަހެއް ދުވަހަކަށް ސާފޭސް ހޫނުވުމާއެކީގައި މަސްތައް ސައިންޓިފިކް ރިޕޯޓްތައް ބުނާގޮތުން އަޑިއަށް ޖަހާފައި މި ހުރީ. އެހެންވީމަ ލޯންގް ލައިންގައި ކަންނެލި ބޭނޭ މިންވަރު ވެސް އިތުރުވެގެން ދާނެ."
މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ގެންގުޅޭ ސިޔާސަތަކީކަނޑު ރޯދީގެ ނަފާ ވީހާ ވެސް ބޮޑަށް އިތުރު ކުރެވޭ ގޮތްތައް ފަހިކުރުމެވެ. އެގޮތުން މެރިން ކަލްޗާ ވަކި ސިނާއަތެއް ގޮތަށް ވިޔަފާރި އުސޫލުން ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ޝިޔާމު ވިދާޅުވި އެވެ.