ދިވެހި ސަރުކާރުން ފަލަސްޠީނު މައްސަލާގައި ޒަމާނުއްސުރެ ގެންގުޅެމުން އައި ރަނގަޅު ހެޔޮ ސްޓޭންޑު ބަދަލުވެފައިވާ ކަމަށް ބުނުމުގެ ޖާގަ މިހާރު އެބައޮތް ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.
އަދާލަތުން މިހެން ބުނީ ފަލަސްޠީނުގައި އިޒްރޭލުން ހިންގަމުންދާ ޖަރީމާތަކާ ދެކޮޅަށް، ރާއްޖޭގައި އަޑު އުފުލަމުން ގެންދެވި ޢާއިޝަތު ޝާދިޔާ އަދި ޑރ. ޝަޒްރާ އިބްރާހީމް ހައްޔަރުކުރި ކުރުން ކުށްވެރިކޮށް ނެރުނު ބަޔާނެއްގަ އެވެ.
އެ ބަޔާނުގައި އަދާލަތުން ބުނެފައިވަނީ ރާއްޖެއިން އިސްރާއީލުގެ ޕާސްޕޯޓް މަނާ ކުރަން ނިންމިކަން މުޅި ދުނިޔެއަށް އިޢުލާނުކޮށް އެތައް ސުރުޚީތަކެއް ހަދައި، ފަލަސްޠީނު ރައްޔިތުންނާ މުސްލިމް އުންމަތުގެ މަޤްބޫލުކަން ހޯދުމަށްފަހު އެކަން ނުކުރެވި އުޅުމާއި، ޙަމާސްގެ ލީޑަރު އިސްމާޢީލް ޙަނިއްޔާ ޝަހީދުކޮށްލުމާ ވިދިގެން ރަސްމީކޮށް ދިވެހި ދައުލަތުން ޢަމަލު ކުރެއްވި ގޮތާއި، އިސްރާއީލާ ދެކޮޅަށް އިހުތިޖާޖު ކުރަމުން އައި ދެ ކަނބަލުން ހައްޔަތު ކުރުންފަދަ ކަންކަމުން، ދިވެހި ރައްޔިތުންގެ ހިތްތަކުގައި އިންތިހާ އަށް އަހައްމިއްޔަތުކަން ދެވިފައިވާ މި މައްސަލައިގައި ރައްޔިތުންގެ ވިންދާ ޝުޢޫރާ ދުރަށް ސަރުކާރުން ދަތުރުކުރާ ކަމަށެވެ.
"ދިވެހި ސަރުކާރުން ފަލަސްޠީނު ޤަޟިއްޔާގައި ޒަމާނުއްސުރެ ގެންގުޅެމުން އައި ރަނގަޅު ހެޔޮ ސްޓޭންޑު ބަދަލުވެފައިވާކަމަށް ބުނުމުގެ ޖާގަ އޮތްކަމުގައި މި ޕާޓީއިން ދެކެމެވެ،" އަދާޅަތުގެ ބަޔާނުގައިވެ އެވެ.
އިސްރާއީލާއި އިސްރާއީލަށް ވާގިވެރިވާ ޤައުމުތަކުގެ ޖަރީމާތަކާ ދެކޮޅަށް އަޑު އުފުލުމަކީ ކޮންމެ އިންސާނެއްގެ މައްޗަށް އޮތް އިންސާނީ ޒިންމާއެއް ކަމަށާއި އަދި ވަކިން ޚާއްޞަކޮށް މަސްޖިދުލް އަޤްޞާގެ ދިފާޢުގައި ކުރެވެން އޮތް ކޮންމެ ކަމެއް ކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ދީނީ ވާޖިބެއް ކަމަށެވެ.
އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމު ނޫން މީހުން ވެސް މި މައްސަލައިގައި، އިންސާނިއްޔަތަށްޓަކައި ވެސް އަޑު އުފުލަމުންދާއިރު ސައްތައިން ސައްތަ މުސްލިމް މި ދައުލަތުގައި އިސްރާއީލާ ދެކޮޅަށް އަޑު އުފުލަމުން ގެންދެވި ދެ ކަނބަލުން ހައްޔަރު ކުރުމަކީ ވަރަށް ނާތަހުޒީބު އަދި ދީނީ ހަމަތަކުން ބެލި ނަމަވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އަދާލަތުން ބުނެ އެވެ.
އަދާލަތުން ވަނީ މިއަދު ހައްޔަރުކުރި ދެ އަންހެން ކަނބަލުން ދޫކޮށްލައި ފަލަސްޠީނުގެ މައްސަލާގައި ދައުލަތުން ކުރުމަށް ވަޢުދު ވެފައިވާ ކަންކަން ފުރިހަމަކުރަން ސަރުކާރަށް ގޮވާލާފަ އެވެ.