Last Updated: November 27, 06:09
Wednesday, November 27, 2024
މުނިފޫހިފިލުވުން

ކަޕިލްގެ ފިލްމެއްގެ 2 ވަނަ ބައި ހަދަނީ

އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރުމާ ކުޅެފައިިވާ ފިލްމެއްގެ ދެވަނަ ބައި ހަދަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ އެ ފިލްމަކީ 2015 ގެ ކޮމެޑީ "ކިސް ކިސްކޯ ޕިޔާރު ކަރޫ" ކަމަށެވެ. ކަޕިލް ލީޑް ބަތަލުގެ ރޯލު ކުޅުނު އެ ފިލްމަކީ "ކިލާޅީ" އާއި "ބާޒީގަރު" އާއި "ބާދުޝާ" އާއި "ހަމްރާޒް" އަދި "ރޭސް" ފަދަ ތުރިލާތައް ގެނެސްދިން އައްބާސް-މަސްތާންގެ ޑައިރެކްޝަނެކެވެ.

ބޮލީވުޑް ހަންގާމާ އިން ބުނީ ވީނަސް ރެކޯޑްސް އިން ޕްރޮޑިއުސްކުރި "ކިސް ކިސްކޯ ޕިޔާރު ކަރޫ 2" ގެ ޑައިރެކްޓްކުރާނީ ފުރަތަމަ ބައިގެ ސްކްރީންޕްލޭގައި ހިއްސާވި އަނޫކަލްޕް ގޮސްވާމީ ކަމަށެވެ. އަދި ކުރީގެ ބަޔާ އެއްގޮތަށް ދެވަނަ ބައިގައި ވެސް ކަޕިލްއާ އެކީ ގިނަ ބަތަލާއިންތަކެއް ހިމެނޭނެ ކަމަށް މީޑިއާތަކުން ބުނެ އެވެ.

"ކިސް ކިސްކޯ ޕިޔާރު ކަރޫ" ގެ ބަތަކާއިންނަކީ އެލީ އަވްރަމް، މަންޖާރީ ފަދްނިސް، ސިމްރަން ކޯރް މުންޑީ އަދި ސައީ ލޮކޫރެވެ. މި ފިލްމުގެ ކާސްޓްގައި އަރްބާޒް ޚާނާއި ވަރޫން ޝަރުމާ ވެސް ހިމެނެ އެވެ.

ކަޕިލް އެންމެ ފަހުން ކުޅުނު ފިލްމަކީ މި މި އަހަރުގެ މާޗްގައި ރިލީޒްކުރި "ކްރޫ" ގެ ރޯލަކުންނެވެ. އޭގައި އޭނަ ކުޅުނީ ބަތަލާ ތައްބޫގެ ފިރިމީހާގެ ރޯލެވެ. ކަޕިލް ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި 2022 ގެ "ޒިވިގާޓޯ" އާއި 2017 ގެ "ފިރަންގީ" ވެސް ހިމެނެ އެވެ.