Last Updated: November 27, 06:09
Wednesday, November 27, 2024
ދުނިޔެ

ޓެލެގްރާމްގެ ސީއީއޯ ފްރާންސުން ފުރުން މަނާ!

މިދިޔަ ހޮނިހިރު ދުވަހު ފްރާންސް އިން ހައްޔަރުކުރި ޓެލެގްރާމްގެ ސީއީއޯ ޕަވޭލް ޑްރޮވްއާ ގުޅޭ ޖިނާއީ ބޮޑު ތަހުގީގެއް ފްރާންސް އިން ފަށައި އޭނަ އެ ގައުމުން ފުރުން ވެސް މަނާކޮށްފި އެވެ.

ފްރާންސާއި ޔޫއޭއީގެ ރަށްވެހިކަން ވެސް އޮންނަ ރަޝިއާ އަށް އުފަން ޑްރޮވް، 39، ފްރާންސް އިން ހައްޔަރުކުރީ ޓެލެގްރާމާ ގުޅޭ މައްސަލަތަކެއްގެ ތަހުގީގަށް އޭނަ ހައްޔަރު ކުރުމަށް ނެރެފައިވާ ކޯޓް އަމުރަކާ ގުޅިގެންނެވެ. އެގޮތުން ޕްރައިވެޓް ޖެޓެއްގައި ޕެރިރަށް މިދިޔަ ހޮނިހިރު ދުވަހު ހަވީރު ލޭންޑްކުރިތަނާ ފުލުހުން ވެސް ޑްރޮވް ހައްޔަރުކުރި އެވެ.

އޭނަ ހައްޔަރުކޮށް ބަންދަށް ޖެހި މުއްދަތު އިއްޔެ ހަމަވުމާ ގުޅިގެން މިހާރު ވަނީ ތަހުގީގެއް ފަށާފައިވާތީ ފްރާންސުން ފުރުން ވެސް މަނާކޮށްފަ އެވެ. އަދި ކޮންމެ ހަފުތާއެއްގެ ދެ ދުވަހު ޑްރޮވް ފުލުހަށް ވެސް ހާޒިރުވާން ޖެހެ އެވެ.

އޭނަ އަށް ކުރާ ތުހުމަތަކުގެ ތެރޭގައި ޔޫރަޕިއަން ޔުނިއަން (އީޔޫ) ގެ މިންގަނޑުތަކާ އެއްގޮތަށް ޓެލެގްރާމް ހިންގަމުން ނުދާ ކަމަށް ތުހުމަތު ކުރުމާއި ކަމާބެހޭ އިދާރާތަކާ މުއާމަލާތްތައް ކުރަން ދެކޮޅު ހެދުމާއި ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް ޓެލެގްރާމް މެދުވެރިކޮށް ދައުރުކުރަން ފުރުސަތު ފަހިކޮށް ދީފައިވާ ކަމަށް ތުހުމަތު ކުރުން ފަދަ ކަންކަން ހިމެނެ އެވެ.

ޑްރޮވް ހައްޔަރުކޮށް، އޭނައާ ގުޅޭ ބޮޑު ތަހުގީގެއް ފްރާންސުން ފަށާފައިވާތީ މިކަމާ ޓެލެގްރާމުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އަދި މިއީ މިއީ ސިޔާސީ މަންފާއަކަށް ކުރި ކަމެއް ކަމަށާއި މިއީ ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަށް ވެސް ހުރަސް އެޅުމުގެ އަމަލެއްގެ ގޮތުގައި ސިފަކޮށްފައިވެ އެވެ.

އޭގެ ރައްދުގައި ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން ވިދާޅުވީ ޑްރޯވް ހައްޔަރުކޮށް ތަހުގީގެއް ފެށުމާއި ސިޔާސީ ކަމަކާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި ފްރާންސަކީ އަބަދު ވެސް ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އިހުތިރާމު ކުރާ އެކަމަށް މަގުފަހި ގައުމަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.

ޑްރޮވް އަށް ކުރާ ތުހުމަތުތަކާ ގުޅިގެން އޭނަގެ ވަކީލު ޑޭވިޑް އޮލިވިއާ ކަމިންސްކީ ވިދާޅުވީ ޓެލެގްރާމަކީ އަބަދު ވެސް ޔޫރަޕްގެ ޑިޖިޓަލް ގާނޫނުތަކާއި ގަވައީދުތަކާއި އުސޫލުތަކަށް އިހުތިރާމުރާ ޕްލެޓްފޯމެއް ކަމަށާއި ޑްރޮވަށް ކުރާ ތުހުމަތުތަކަކި އޭނައާ ސީދާ ގޮތުންނާއި ނުސީދާކޮށް ވެސް އެއްވެސް ގުޅުމެއް އޮތް ތުހުމަތުތަކެއް ނޫން ކަމަށެވެ.