Last Updated: November 24, 23:51
Sunday, November 24, 2024
ޚަބަރު

ވީއައިއޭގެ ފިއުލް ސާވިސަސް މުވައްޒަފުންނަށް ތަމްރީނެއް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ފިއުލް ސާވިސަސްގެ މުވައްޒަފުންނަށް އަމާޒުކޮށްގެން އިން-ހައުސް ތަމްރީނު ޕްރޮގްރާމްތަކެއް ފަށައިފި އެވެ.

މި ތަމްރީންތަކަކީ އޮޕަރޭޝަނަލް ޓީމަށް ބޭނުންވާ ޓެކްނިކަލް މަޢުލޫމާތާއި ހުނަރު އުނގަންނައި ދިނުމަށް ރޭވިގެން ކުރިއަށް ގެންދާ ޕްރޮގްރާމްތަކެކެވެ. އެގޮތުން ފުރަތަމަ ތަމްރީނުތައް އަމާޒުކޮށްފައި ވަނީ ކޮލިޓީ ކޮންޓްރޯލް އަދި އިންޓު-ޕްލޭން އޮޕަރޭޝަންސް ދާއިރާތަކަށެވެ.

މީގެ އިތުރުން ޑިޕޯ އޮޕަރޭޝަންސް އާއި މެއިންޓެނަންސް ދާއިރާތަކުގެ ތަމްރީންތައް ވެސް ކުރިއަށް އޮތް ތަނުގައި ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.

އިން-ހައުސް ޓްރެއިނިން މި ޕްރޮގްރާމްތަކަކީ ކުރިން ބޭރުގެ ކޮންސަލްޓަންޓުންގެ އެހީގައި ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމްތަކެކެވެ. ނަމަވެސް މިހާރު ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމްތައް ފަރުމާކޮށްފައިވަ ނީ ބޭރުގެ ތަމްރީންތަކުގެ މިންގަނޑުތަކާ އެއްގޮތަށް، ފިއުލް ސާވިސަސްގައި މަސައްކަތްކުރާ ތަޖުރިބާކާރު ސީނިއަރ މުވައްޒަފުންނެވެ.

އެމްއޭސީއެލްގެ ލާނިން އެންޑް ޑިވެލޮޕްމަންޓުން މި ޕްރޮގްރާމްތައް ފާސްކޮށްފައި ވަނީ ޕްރޮގްރާމްގައި ބޭނުންކުރާ މެނުއަލްތަކާއި ތަމްރީނުދޭ ފަރާތްތައް، ކޮލިޓީގެ މިންގަނޑުތަކަށް ފެތޭ ގޮތަށެވެ. މިއާ އެކީ، ކުންފުނީގެ ފިއުލް ސާވިސަސްގައި ދެވޭ ތަމްރީންތަކަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ، ވީއައިއޭގެ ފިއުލް އޮޕަރޭޝަނަށް ބޭނުންވާ ގޮތައް ބައްޓަން ކުރެވިގެން ކުރިއަށް ގެންދާ ތަމްރީންތަކަކަށް ވެގެންދާނެ އެވެ.

އެމްއޭސީއެލްގެ ސީއީއޯ/މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުޙައްމަދާއި އެމްޑީ މުޙައްމަދު ލަމްޢާން އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޖުތަބާ ލަޠީފް ވަނީ ފިއުލް ފާމަށް ޒިޔާރަތް ކުރައްވައި ތަމްރީންތައް ކުރިއަށް ގެންދާ ގޮތް ބައްލަވާލައްވައި މުވައްޒަފުންނާއި ޕްލޭނަރުންނަށް ހިތްވަރު ދެއްވައިފަ އެވެ.

މިއީ އެމްއޭސީއެލްގެ މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށް މެނޭޖްމެންޓުން ރާވައިގެން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ހިމެނޭ މުހިންމު އެއް ޕްރޮގްރާމެވެ.

އެ ކުންފުނިން ބުނީ އަބަދުވެސް މަސައްކަތްކުރަމުން އަންނަނީ ވީއައިއޭ އިން އެއަރލައިންތަކާއި، ފަސިންޖަރުންނަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް ޒަމާނީ ޚިދުމަތްތަކެއް ފޯރުކޮށް ދިނުމަށް ކަމަށެވެ.