Last Updated: January 11, 04:56
Saturday, January 11, 2025
ރިޕޯޓް

ފިޠުރު ޒަކާތާ ގުޅޭ 9 ސުވާލެއްގެ ޖަވާބު

ފިޠުރު ޒަކާތް ނެރުމަކީ މީހަކު އެމީހެއްގެ އަމިއްލަ ނަފްސާއި އޭނާ ޚަރަދުދީ ބެލެހެއްޓުން ވާޖިބު ވެފައިވާ މީހުން، ޢީދު ދުވަހާއި ޢީދު ވިލޭރޭ ކައިބޮއި ހަދާނެ އެއްޗެއްސަށްވުރެ އިތުރު އެއްޗެއް ހުރި ކޮންމެ މުސްލިމެއްގެ މައްޗަށް ނެރުން ވާޖިބުވެގެންވާ ކަމެކެވެ.

1. ފިޠުރު ޒަކާތް ނެރުން ވާޖިބުވެގެންވާ ކަމުގެ ދަލީލަކީ ކޮބާ؟

ޤުރްއާނުން
﴿قَدْ أَفْلَحَ مَن تَزَكَّىٰ﴾‏ سورة الأعلى ١٤

މާނައީ: “ހަމަކަށަވަރުން ޒަކާތްދިން މީހާ ކާމިޔާބުވެއްޖެއެވެ.”

މިއާޔަތް ބާވާލެއްވުނީ ފިތުރު ޒަކާތާ ބެހޭގޮތުން ކަމަށް ބުނެވެއެވެ.

ސުންނަތުން
عَنْ عَبْدِ اللَّهِ بْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا قَالَ: «فَرَضَ النَّبِيُّ ﷺ صَدَقَةَ الفِطْرِ – أَوْ قَالَ: رَمَضَانَ – عَلَى الذَّكَرِ وَالأُنْثَى، وَالحُرِّ وَالمَمْلُوكِ؛ صَاعاً مِنْ تَمْرٍ، أَوْ صَاعاً مِنْ شَعِيرٍ، فَعَدَلَ النَّاسُ بِهِ نِصْفَ صَاعٍ مِنْ بُرٍّ، عَلَى الصَّغِيرِ وَالكَبِيرِ.

وَفِي لَفْظٍ: أَنْ تُؤَدَّى قَبْلَ خُرُوجِ النَّاسِ إِلَى الصَّلَاةِ

ޢަބްދު ﷲ ބިން ޢުމަރު رَضِيَ اللَّهُ عَنْهُمَا ވިދާޅުވިކަމަށް ރިވާވެގެންވެއެވެ: ފިރިހެނުންނާއި އަންހެނުންނާއި، މިނިވަނުންނާއި އަޅުންގެ މައްޗަށް، ފިތުރު (ނުވަތަ ރަމަޟާނުގެ) ޒަކާތް ނަބިއްޔާ ﷺ ފަރުޟު ކުރެއްވިއެވެ. އެއީ ކަދުރުން ޞާޢެއްގެ މިންވަރެވެ. ނުވަތަ ހިމަގޮދަނުން ޞާޢެއްގެ މިންވަރެވެ. ދެން ގޮދަނުގެ ޒަކާތަކީ ޞާޢެއްގެ ދެބައިކުޅަ އެއްބައިކަމަށް މީސްތަކުން ކަނޑައެޅިއެވެ. ކުޑަކުދިންނާއި ބޮޑެތިމީހުންގެ މަތިން (ޒަކާތް ދެއްކުން ފަރުޟު ކުރެއްވުނެވެ.)

އަދި ލަފްޒެއްގައި ވެއެވެ: މީސްތަކުން (އީދު) ނަމާދަށް ނުކުތުމުގެ ކުރިން އެ ދެއްކުން (ފަރުޟު ކުރެއްވުނެވެ.)

2. ފިޠުރު ޒަކާތް ފަރުޟު ކުރެއްވުމުގެ ޙިކުމަތަކީ ކޮބާ؟

ރޯދައިގެ މަތިވެރި ނިޢުމަތް ފުރިހަމަކޮށްދެއްވި ކަމަށްޓަކައި މާތް ﷲ އަށް ޝުކުރުވެރިވުން
ރޯދަވެރިޔާއަށް ރޯދައަށް ހުރިއިރު ކުރެވިފައިވާ ގޯސްކަންތައްތަކުން ރޯދަ ޠޯހިރުކޮށްދިނުމަށް
ފަޤީރުންނާއި މިސްކީނުން ޢިދު ދުވަހު ސަލާން ޖެހުމުން ފުއްދާ ދީ މުސްލިމުންނާއެކު ޢީދުގައި ބައިވެރިވުމަށް
3. ފިޠުރު ޒަކާތް ނެރެންޖެހޭ މިންވަރާއި ތަކެއްޗަކީ ކޮބާ؟
އެ ރަށެއްގައި އާދަވެގެން މީހުން ކާން ގެންގުޅޭ އެއްޗަކުން ޞާޢެކެވެ. އަޅުގަނޑުމެން ރާއްޖޭގައިނަމަ ހަނޑޫ ނުވަތަ ފުށުންނެވެ.

ޞާޢަކީ ގާތްގަނޑަކަށް 2.5 ކިލޯއެވެ.

4. ފިތުރު ޒަކާތް ނެރެން ޖެހެނީ ކޮން ބައެއްގެ މަތިން؟

އަމިއްލަ ނަފްސާއި ތިމާ ޚަރަދުދީ ބަލަހައްޓަން ޖެހޭ އެންމެންގެ މަތިންނެވެ. ކޮންމެ ބޮލަކަށް ޞާޢެކެވެ. އޭގެތެރޭގައި އަނބިންނާއި ދަރިންނާއި އަދި ވެސް ޚަރަދު ދީ ބަލައްޓާ މީހުން ހިމެނެއެވެ.

5. ފިތުރު ޒަކާތް ނެރުން ވާޖިބު ވަނީ ކޮންއިރަކު؟

ރަމަޟާން މަހުގެ އެންމެ ފަހު ދުވަހުގެ އިރުއޮއްސުމުންނެވެ. ނުވަތަ ޢީދު ވިލޭރެއަށް އިރުއޮއްސުމުންނެވެ.

6. ބަނޑުގައިވާ ދަރި މަތިން ފިތުރު ޒަކާތް ނެރެން ޖެހޭތަ؟

މިއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ނޫނެވެ. އެހެންނަމަވެސް ސުންނަތެކެވެ. ދަލީލަކީ ޢުޘްމާނު ޢަލައިހިއްސަލާމްގެ ޢަމަލުފުޅެވެ. އެކަލޭގެފާނު ބަނޑުގައިވާ ދަރިންގެ މަތިން ފިތުރު ޒަކާތް ނެރުއްވާ ކަމަށް އައިސްފައިވެއެވެ.

7. ފިތުރު ޒަކާތް ނެރުން އެންމެ މޮޅު އިތުރުވެގެންވާ ވަގުތަކީ ކޮބާ؟

ޢީދު ދުވަހު ޢީދު ނަމާދަށް ދިޔުމުގެ ކުރިންނެވެ.

ނަބިއްޔާ ޙަދީޘްކުރެއްވާފައިވެއެވެ.

“މީސްތަކުން (އީދު) ނަމާދަށް ނުކުތުމުގެ ކުރިން އެ ދެއްކުން (ފަރުޟު ކުރެއްވުނެވެ.)”

އަދި ޢީދު ދުވަހުގެ އެއްދުވަސް ނުވަތަ ދެ ދުވަސް ކުރިން ވެސް ނެރުން ހުއްދައެވެ. އެއީ އެގޮތަށް ބައެއް ޞަޙާބީބޭކަލުން ޢަމަލު ކުރައްވާފައިވާތީއެވެ.
ޢީދު ނަމާދުގެ ފަހުން ނެރުމަށް ލަސްކުރުމަކީ ހުއްދަ ކަމެއް ނޫނެވެ.
ނަބިއްޔާ ޙަދީޘްކުރެއްވާފައިވެއެވެ.

“ޢީދު ނަމާދުގެ ކުރިން ޒަކާތް ދައްކައިފިނަމަ އެއީ ޤަބޫލުވެވިގެންވާ ޞަދަޤާތެކެވެ. އަދި ޢީދު ނަމާދުގެ ފަހުން ޒަކާތް ނެރެފިނަމަ އެއީ ޞަދަޤާތްތަކުގެ ތެރެއިންވާ ޞަދަޤާތެކެވެ. (ފިތުރު ޒަކާތެއް ނޫނެވެ)”

8. ފިތުރު ޒަކާތް ދޭންޖެހެނީ ކޮން ބަޔަކަށް؟

މުސްލިމުންގެ ތެރެއިންވާ ފަޤީރުންނާއި މިސްކީނުންނަށެވެ. ނުވަތަ އެމީހުންގެ ބަދަލުގައި އެއާ ހަވާލުވާނެ މީހުނަށެވެ.

އެއް ޞާޢު އެކަކަށް ވުރެ ގިނަ މިސްކީނުންނަށް ވެސް ދެވި ދާނެއެވެ. މީގެ މިސާލަކީ އެއް ޞާޢު 5 މިސްކީނުނަށް ދިނުމެވެ. ނުވަތަ އެއް މިސްކީނަކަށް އެއް ޞާޢަށް ވުރެ ގިނައިން ވެސް ދެވިދާނެއެވެ. މީގެ މިސާލަކީ 5 ޞާޢު އެއް މިސްކީނަކަށް ދިނުމެވެ.

9. ފިތުރު ޒަކާތް ފައިސާއިން ނެރެވިދާނެތޯ؟

އެންމެ ރަނގަޅު ކަމަށް ބެލެވޭ ރައުޔަކީ ފިތުރު ޒަކާތް ގޮވާމުން ނޫން އެހެން އެއްޗަކުން ނެރުން ހުއްދަ ނުވުމެވެ. އެއީ ކުރިން ބަޔާން ވެ ދިޔަ ދަލީލުތަކުގެ މައްޗަށް ބިނާކޮށެވެ. އަދި އެ ޒަމާނުގައި ނަޤުދު ފައިސާ ގެންގުޅުނު އިރުގައިވެސް ޞަހާބީބޭކަލުން ގޮވާމުން ފިތުރު ޒަކާތް ނެރުއްވުމުންނެވެ. އަދި ކުރިން ބަޔާންވެ ދިޔަ ފަދައިން ފިތުރު ޒަކާތުގެ ހިކުމަތަކީ ހަމައެކަނި ޢީދު ދުވަހު ފަޤީރުންނާއި މިސްކީނުންނަށް ކާނެ އެއްޗެއް ދިނުން ކަމުގައި ވާތީއެވެ. ކާ އެއްޗެހިން ނުވަތަ ގޮވާމުން ނެރުމަކީ އެންމެ ރައްކާތެރި ގޮތް ވެސް މެއެވެ.

ނޯޓް: އިލްމު.އެމްވީ