Last Updated: November 26, 22:39
Tuesday, November 26, 2024
ޚަބަރު

ބަހަނާ ނުދައްކައި މާލީ އިސްލާހުތައް އަވަސްކުރޭ

ބަހަނާ ނުދައްކާ މާލީ އިސްލާހުތައް ގެނައުން އަވަސްކުރުމަށް އިދިކޮޅު އެމްޑީޕީން ސަރުކާރަށް ގޮވާލައިފި އެވެ.

އެމްޑީޕީން މިކަމަށް ގޮވާލީ ކްރެޑިޓް ރޭޓިން ކަނޑައެޅުމުގައި މުޅި ދުނިޔޭގައިވެސް އެންމެ ފާހަގަކުރެވޭ ކުންފުނި — ފިޗް ރޭޓިންގްސް އިން ރާއްޖެއަށް ދީފައިވާ ރޭޓިން "ސީސީ"އަށް ދަށްކޮށްފައި ވަނިކޮށެވެ.

އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ނުރައްކާތައް ކުޑަކުރުމަށް ވަގުތުން ފިޔަވަޅު އަޅަން ފެށުމަށް ސަރުކާރަށް ގޮވާލާ ކަަމަށާއި މީގެ ތެރޭގައި ބޭކާރު ޚަރަދުތައް ހުއްޓައިލުމަށާއި އަދި މި ވަގުތަށް މުހިންމު ނޫން ހުރިހާ ޚަރަދުތައް މަދުކުރުމަށާއި، މާލީ އިސްލާހުތައް ނުވަތަ ފިސްކަލް ރިފޯމް އަވަސް ކުރުމަށާއި، އަދި ރަހުމަތްތެރި ޤައުމުތަކާއި ބައިނަލްއަޤްވާމީ އިދާރާތަކުގެ އެހީތެރިކަން ހޯދުމަށާއި އަވަސް ގޮތެއްގައި ރާއްޖޭގެ ރިޒާވް ސަޕޯޓްކުރުމަށް ބޭނުންވާ ބޭރު ފައިސާ ހޯދުން ހިމެނޭ ކަމަށެވެ.

އަދި ދައުލަތުގެ މާލީ ހިސާބުތައް ޢާންމު ކުރުމަށް އަލުން ފެށުމަށާއި ރައްޔިތުންނަށް ތެދު ހާމަކުރުމަށާއި ދެފުށް ފެންނަ ގޮތެއްގައި ކުރިއަށް ދިއުމަށް ވެސް ވަނީ ގޮވާލާފަ އެވެ.

"އަވަހަށް ފިޔަވަޅު ނޭޅިއްޖެނަމަ، މާލީ ހާލަތު އިތުރަށް ދަށަށް ދިއުމާއި، ކްރެޑިޓް ރޭޓިންގ އިތުރަށް ދަށަށް ދިއުމާއި، އަދި އިޤްތިޞާދީ ހާލަތު އިތުރަށް ހީނަރުވުމުގެ ހިރާސް ބޮޑުކަންވެސް ފާހަގަކުރަމެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

ކްރެޑިޓް ރޭޓިންގ މަތިވާނެ ކަންކަމުގެ ގޮތުގައި ފިޗުން ފާހަގަކޮށްފައިވަނީ ބޭރުގެ ފައިނޭންސް ހޯދުމާއި މާލީ އިސްލާހުތައް ގެނައުމުގައި ފާހަގަކުރެވޭ ކުރިއެރުން ހޯދުން ކަމަށްވާއިރު މިކަންކަން ލަސްނުކޮށް ކުރުމަކީ މުހިއްމު ކަމެއް ކަމަށް އެމްޑީޕީން ބުނެ އެވެ.

މީގެއިތުރުން ބަޖެޓަށް ފައިސާ ހޯދުމުގައި ކުރިއެރުން ނުލިބޭކަމާއި، މާލީ އިސްލާހުތައް ލަސްވަމުންދާކަމާއި، އަދި މިހާރު މާލީ ދާއިރާގައި ހާމަކަން ކުޑަވަމުންދާކަމާމެދު މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ކަންބޮޑުވުން ފާޅުކޮށް، އެކަންކަން އިސްލާހުކުރުމަށް ސަރުކާރަށް ގޮވާލާފައިވާނެ ކަމަށް އެމްޑީޕީން ބުނެ އެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި މާލީ މެނޭޖްމަންޓަށް ވީ އެންމެ އަވަހަކަށް ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ރަނގަޅުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށްވެސް އެމްޑީޕީން ބުނެ އެވެ.

"ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ގޮވާލަނީ ޤައުމުގެ އިޤްތިސާދީ މުސްތަޤުބަލާއި ރައްޔިތުންގެ ދުޅަހެޔޮކަން ރައްކާތެރިކުރުމަށް ސަރުކާރުން އިތުރު ބަހަނާ ނުދައްކައި މަސައްކަތްކޮށްދިނުމަށެވެ،" އެ ބަޔާނުގައިވެ އެވެ.