މާލޭގެ ގެއެއްގައި ރަހީނުކޮށްގެން އަންހެނަކު ގެންގުޅުމަށް ފަހު، މަގުމައްޗަށް ނެރެ އޭނާގެ ކަރުގައި ވަޅިޖައްސާފައި ހުއްޓައި ފުލުހުން އެ އަންހެން މީހާ ސަލާމަތްކޮށްފި އެވެ.
ފުލުހުން ރޭ ބުނީ އަންހެން މީހާ ރަހީނުކުރި ފިރިހެން މީހާ މަސައްކަތް ކުރީ ސައިކަލެއްގައި އޭނާއާއެކު ފިލަން ކަމަށެވެ. އަދި އޭނަގެ ކަރުގައި ވަޅި ޖެއްސުމަށްފަހު ސައިކަލު ދުއްވަން އަންހެން މީހާއަށް މަޖުބޫރު ކުރުވި ކަމަށާއި އެވެ. ފުލުހުންގެ ޓީމަކުން އެ ސަރަހައްދަށް އެޓެންޑުވެ، ފިރިހެން މީހާގެ ބޮލުގައި ބެޓަނަކުން ޖެހުމަށް ފަހު އަންހެން މީހާ ސަލާމަތްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވެފައިވެ އެވެ.
އަންހެން މީހާ ސަލާމަތްކޮށް އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވެ އެވެ. މި ހާދިސާގައި ފިރިހެން މީހާ އަށް ލިބުނު އަނިޔާތަކަށް ދަނީ އޭޑީކޭގައި ފަރުވާ ދީފައިވެ އެވެ.
ފުލުހުން ބުނީ ފިރިހެން މީހާ ވަނީ އަންހެން މީހާ މަރާލާނެ ކަމަށް ބުނެ، އަންހެން މީހާ ކަރުގައި ވަޅި ޖައްސައި ފުލުހުންނަށް އިންޒާރުދީ ގެއަށް ވައްދައި އަނިޔާކޮށް، އެއަށް ފަހު ގެއިން ނެރެގެން ސައިކަލަށް އަންހެން މީހާ އަރުވައިގެން ކަރުގައި ވަޅި ޖައްސައިގެން ދުއްވާފައި ކަމަށެވެ.
މި މައްސަލަ އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.