ކުރީގެ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރިޔާސީ ލޯންޗް "ފިނިފެންމާ" ގޮއްވާލި ހާދިސާ އަކީ "ޑްރާމާއެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެ އެވެ.
ކުރިން ޔާމީނާ އެންމެ އަރިސްކޮށް އުޅުއްވި މިހާރު މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި އަބްދުއްރަހީމް އަބްދުﷲ "ފިނިފެންމާ" ހާދިސާ އަކީ ޔާމީން ކުޅުއްވި ޑްރާމާއެއް ކަމަށް ވިދާޅުވެފައިވާތީ، ޕީއެންއެފުން ރޭ ބޭއްވ ޖަލްސާގައި ޔާމީން ވިދާޅުވީ، ފިނިފެންމާ ލޯންޗު ގޮއްވައިލުމުގެ ހާދިސާއާ ގުޅޭގޮތުން މިހާރު އަބްދުއްރަހީމް ދައްކަވާ ވާހަކަތަކަކީ މީގެކުރިން ދެއްކެވި ވާހަކަތަކާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.
އެހެންވެ ފިނިފެންމާ ގޮވުމަކީ ޑުރާމާއަކަށްވާ ނަމަ، އޭގެ ސްކްރިޕްޓް ލިޔުއްވާފައި ވަނީ އަބްދުއްރަޙީމް ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.
"ފިނިފެންމާ ލޯންޗު ގޮއްވައިލި ގޮއްވައޮލުމަކީ ޑްރާމާއެއްތޯ ސުވާލުކޮށްފައި އޮތީމާ ހިތުގައި އުފެދޭ ޑްރާމާއެއްތޯ؟ ޔާމީން ވިދާޅުވި އެވެ. "އެހެންވީމާ އަޅުގަނޑަށް ހީވަނީ އޭގެ ސްކްރިޕްޓް ލިޔެދީފައި މި ވަނީ އަބްދުއްރަހީމޭ އިނގޭތޯ."
ޔާމީން ވިދާޅުވީ އަބްދުއްރަހީމް ދެއްކެވި ވާހަކަތަކަަކީ ނާތަހުޒީބު އަމަލެކެވެ. އަދި އެއީ އޭރު އެ މައްސަލަ ބެލި ބޭފުޅުން ވެސް ޖަވާބުދާރީ ވާން ޖެހޭ ފަދަ ކަމެެއް ކަމަށް ވިދާޅުވި އެވެ. އެގޮތުން، ފިނިފެންމާ ގޮއްވާލުމުގެ ތަހުގީގުގައި އިސްކޮށް އުޅުއްވި މިހާރުގެ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވެސް އެ ކަމުގައި އަބްދުއްރަޙީމް ވިދާޅުވާ ވާހަކައިގައި ހަގީގަތް ރައްޔިތުންނަށް އޮޅުން ފިލުވައިދޭން ޖެހޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
"ފިނިފެންމާ" ގޮއްވާލީ ހާދިސާ ހިނގީ 2016 ގަ އެވެ.