މާލޭގައި ރޭ އަންހެނަކު ރަހީނުކުރި ހާދިސާގައި އޭނަ ސަލާމަތް ކުރަން ހަރަކާތްތެރިވި ފުލުހުންނާ ޕޮލިސް ކޮމިޝަނަރު ޢަލީ ޝުޖާޢު މިއަދު ބައްދަލުކުރައްވައި އެ މީހުންގެ މަސައްކަތަށް ތައުރީފުކޮށްފި އެވެ.
ރޭ 32 އަހަރު ފިރިހެނަކު، ގެއެއްގެ ތެރޭގައި އަންހެނަކު ރަހީނުކޮށްގެން އުޅުމަށް ފަހު، މަގުމައްޗަށް ނުކުމެ އޭނަ ލައްވައި ގަދަކަމުން ސައިކަލު ދުއްވައި ސައިކަލުގައި ފިލަން އުޅެނިކޮށް ފުލުުހުން ވަނީ އަންހެން މީހާ ސަލާމަތްކޮށްފަ އެވެ. އެ ހާދިސާ ކުރިމަތިވި އަންހެން މީހާ އަކީ ފުލުހެކެވެ.
އޭނަގެ ކަރުގައި ވަޅި ޖައްސައި ބިރު ދައްކައިގެން ގިނަ ބައެއްގެ ލޯކުރިމަތީގައި ސައިކަލުގައި ފިލަން އުޅެނިކޮށް އަންހެން މީހާ ސަލާމަތްކުރީ މުގުރިއަކުން ފިރިގެން މީހާގެ ބޮލުގައި ޖަހައި ޒަހަމްކޮށްލުމަށް ފަހު އެވެ. އެ ހާދިސާގައި ދެ މީހުންނަށް ވެސް އަނިޔާވެ، ހޮސްޕިޓަލްގައި ފަރުވާ ދީފައިވެ އެވެ.
މިއަދު އިސްކަންދަރު ބިލްޑިންގްގަގުއި ސީޕީ ފުލުހުންގެ އެހެން އޮފިސަރުންނާ އެކީ ބޭއްވި ބައްދަލުވުމުގައި ރޭގެ ހާދިސާގައި ހަރަކާތްތެރިވި ހުރިހާ ފުލުހުން ވެސް ބައިވެރިވި އެވެ. އެ ބައްދަލުވުމުގައި ސީޕީ ވިދާޅުވީ، މިއީ އަލަށް ދިމާވި ނުރައްކާތެރި ހާދިސާއެއް ނަމަވެސް ވަރަށް ކާމިޔާބުކަމާއި ޕްރޮފެޝަނަލްކަމާއެކު “ތުރެޓް ނިއުޓްރަލައިޒް” ކޮށްފައިވާ ކަމަށެވެ.
އެހެންވެ އެކަމަށްޓަކައި ހަރަކާތްތެރިވި ހުރިހާ ފުލުހުންނަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
ސީޕީ ވިދާޅުވީ ރޭގެ އޮޕަރޭޝަންގައި ކޮމިއުނިކޭޝަން ވަރަށް ރަނގަޅަށް ދިޔަ ކަމަށާއި މިއީ ކޯޑިނޭޝަން ރަނގަޅު އޮޕަރޭޝަނެއް ކަމަށެވެ. އަދި ހާލަތާއި ނުކުމެދާނެ ނަތީޖާއަށް ބަލާއިރު "ނިއުޓްރަލައިޒް" ކުރުމުގައި ނިންމި ނިންމުން ރަނގަޅުކަން ވެސް ފާހަގަ ކުރެއްވި އެވެ.
ސީޕީ ވިދާޅުވީ ރަހީނުގެ ޝިކާރައަކަށްވި އަންހެން މީހާއަށާއި ރަހީނުގެ އަމަލު ހިންގި މީހާ އަށް ވެސް ބޮޑު އަނިޔާއެއް ނުވެ ނިއުޓްރަލައިޒް ކުރެވުނު ކަމަށެވެ.
ސީޕީ ވިދާޅުވީ އެ ހާދިސާގައި ފުލުހުން އަމަލުކޮށްފައިވާ ގޮތާމެދު ފަހުރުވެރިވާ ކަމަށާއި، މިއީ ރައްޔިތެއްގެ ފުރާނަ ސަލާމަތް ކުރަން ކުރަންޖެހޭ މަސައްކަތެއް ކުރުމުގައި ފުލުހުން ޖެހިލުން ނުވާނެކަމުގެ މިސާލެއް ކަމަށެވެ. އަދި ރައްޔިތުންގެ ތައުރީފް ފުލުހުން ރޭ ހިންގި އޮޕަރޭޝަނަށް ލިބެމުން ދާކަމަށާއި އިތުރަށް ރަނގަޅު ކުރުމަށް ހިޔާލުތައްވެސް ލިބެމުންދާ ކަމަށާއި އެކަންކަން ބަލައިގަންނަ ކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން މިފަދަ ކަންކަމަށް ތައްޔާރުވުމުގެ ގޮތުން އިތުރު ތަމްރީންތައް ހަދަމުން ގެންދިއުމުގެ މުހިއްމުކަން ބޮޑު ކަމަށާއި ހުރިހާ ފުލުހުން ވެސް އެންމެ އިސްކަމެއް ދޭ ކަމަކީ ރައްޔިތުންނަށް ޚިދުމަތް ކުރުން ކަމަށް ހެދުމަށް އެދިވަޑައގެންނެވި އެވެ.
ރަހީނު ކުރި މީހާ އަށް ލިބުނު އަނިޔާ އަށް ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ. އަދި އޭނާ މިހާރު ހުރީ ފުލުހުންގެ ބެލުމުގައި ވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން މިހާރު އަންނަނީ ރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ.