ބުރާސްފަތި ދުވަހުގެ މާލޭގައި އަންހެނަކު ރަހީނުކުރި މީހާ ސަލާމަތްކުރުމުގައި ފުލުހުން ބާރުގެ ބޭނުންކުރި ގޮތުގެ ތަހުގީގެއް ހިންގަން އަންގާފައި ނުވާނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިޙްސާން ވިދާޅުވެއްޖެ އެވެ.
އެކަމާ ގުޅޭ ތަހުގީގެއް ހިންގާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާ ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ ފުލުހުން ބާރުގެ ބޭނުންކުރި ގޮތުގެ އެތެރޭގެ ތަހުގީގެއް ހިންގާކަމަށް ބުނެ ދައްކަމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށާއި، އެފަދަ ތަހުޤީޤެއް ހިންގަން އަންގާފައި ނުވާނެ ކަމަށެވެ. އަދި ރަހީނުކުރި އަންހެން މީހާ ސަލާމަތްވީ ފުލުހުން ކުރި ހިތްވަރުގަދަ މަސައްކަތުންކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ ފުލުހުންގެ މަސައްކަތަށް ސާބަސް ދަންނަވައިފަ އެވެ.
އިއްޔެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވެސް ވަނީ އެ ހާދިސާއާ ގުޅިގެން ފުލުހުން އަމަލު ކުރި ގޮތަށް ތައުރީފުކުރައްވައިފަ އެެވެ. ސީޕީ ވިދާޅުވީ އެ ހާދިސާގައި ވަރަށް ކާމިޔާބުކަމާއި ޕްރޮފެޝަނަލްކަމާއެކު ފުލުހުން “ތުރެޓް ނިއުޓްރަލައިޒް” ކޮށްފައިވާ ކަމަށެވެ.
އެހެންވެ އެކަމަށްޓަކައި ހަރަކާތްތެރިވި ހުރިހާ ފުލުހުންނަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
ފިރިހެނަކު ބުރާސްފަތި ދުވަހުގެ ރޭ ގެއެއްގެ ތެރޭގައި އަންހެނަކު ރަހީނުކޮށްގެން އުޅުމަށް ފަހު، މަގުމައްޗަށް ނުކުމެ އޭނަ ލައްވައި ގަދަކަމުން ސައިކަލު ދުއްވައި ސައިކަލުގައި ފިލަން އުޅެނިކޮށް ފުލުުހުން ވަނީ އަންހެން މީހާ ސަލާމަތްކޮށްފަ އެވެ. އެ ހާދިސާ ކުރިމަތިވި އަންހެން މީހާ އަކީ ފުލުހެކެވެ.
އޭނަގެ ކަރުގައި ވަޅި ޖައްސައި ބިރު ދައްކައިގެން ގިނަ ބައެއްގެ ލޯކުރިމަތީގައި ސައިކަލުގައި ފިލަން އުޅެނިކޮށް އަންހެން މީހާ ސަލާމަތްކުރީ މުގުރިއަކުން ފިރިގެން މީހާގެ ބޮލުގައި ޖަހައި ޒަހަމްކޮށްލުމަށް ފަހު އެވެ. އެ ހާދިސާގައި ދެ މީހުންނަށް ވެސް އަނިޔާވެ، ހޮސްޕިޓަލްގައި ފަރުވާ ދީފައިވެ އެވެ.
އުމުރުން 32 އަހަރުގެ ފިރިހެން މީހާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.