Last Updated: November 24, 23:51
Sunday, November 24, 2024
ޚަބަރު

ދެމެހެއްޓެނިވި ތަރައްގީ ފެންނާނެ، އެކަން ކުރިއަށް އެބަދޭ

ވަރަށް ރަނގަޅު ބިންގަލެއްގައި މެދު އަދި ދުރު ރާސްތާގެ ދެމެހެއްޓެނިވި ތަރައްޤީ ދިވެހިން ދެކޭތަން ކުރިމަގުގައި ފެންނާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ސަންގު ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ އިގުތިސާދު ރަނގަޅު ކުރަން ވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އިޤްތިޞާދު ހަރުދަނާ ކުރާނަން، ކުރަމުން މިދަނީ. ބިންގާ ރަނގަޅު، ފައިސާ ޗާޕެއް ނުކުރަން. އެއީ އެންމެ ފުރަތަމަ ކަންތައް. ޑޮލަރު އަޅުގަނޑުމެން ތެރޭގައި އިތުރު ކުރުމަށްޓަކައި ބައިވަރު ބަދަލުތައް މި ގެންނަނީ، ޤާނޫނީ ބަދަލުތަކާ، ނިޒާމީ ބަދަލުތަކާ މިގެންނަނީ،" ރައީސް ވިދާޅުވި އެވެ. "އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތް ތަނުގައި އަޅުގަނޑުމެންގެ ރިޒާވްވެސް ވަރުގަދަ ވާނެ. އަޅުގަނޑުމެންގެ މަސައްކަތްތެރީންނަށް، ކުންފުނިތަކަށް، ކުދި މެދު ފަންތީގެ ވިޔަފާރިތަކަށް، ދޭން ހުރި ފައިސާވެސް އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތް ދެމަސް ތެރޭގައި ހަމަ ދެމުންދެމުން ދާނީ. އަޅުގަނޑުގެ ޓާރގެޓަކީ ނޮވެމްބަރު މަސް ނިމެންވާއިރަށް މިހާރު ޕެންޑިންގައި ހުރި ނުދެވި ހުރި ފައިސާތައް މީހުންނަށް ދީ ނިންމޭނޭ."

ރައީސް ވިދާޅުވީ މަސްވެރިންނަށް ވެސް ބިލިއަނެއްހާ ރުފިޔާ ދެވިއްޖެ ކަމަށާއި މަސްވެރިކަން އިތުރަށް ފުޅާކުރުމަށް ފެކްޓްރީތައް ހެދުމުގެ މަސައްކަތްތައް ރޭވި، އިޤްތިޞާދު ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި ތަރައްގީ ކުރަމުން އަންނަ އެއާޕޯޓްތަކެއް ވެސް ނިމެމުން އަންނަ އިރު، އިތުރު ރިޒޯޓްތައް ހުޅުވެމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޗައިނާ އާއި އިންޑިއާ ފަދަ ޤައުމުތަކުން މާލީ އަދި އިޤްތިޞާދީ ހަމަޖެހުމަށް ބޭނުންވާ އެކި ފުރުސަތުތައް ފަހިވަމުން އަންނަ ކަމަށެވެ. އެގޮތުން މާލެއަށް އެންމެ ބޮޑުވެފައި އޮތް މަގުތަކުގެ މައްސަލަ ހައްލުކޮށް ދިނުމަށް ޗައިނާގެ ހިލޭ އެހީގެ ދަށުން ބޮޑު މަޝްރޫޢެއް ރޭވެމުން އަންމަ ކަމަށް ވިދާޅުވި އެވެ.

"ބޮޑެތި މަޝްރޫޢުތަކަކީ ރޭވުންތެރިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ބޮޑެތި ތައްޔާރީތަކެއް ވާންޖެހޭ އަދި އެއީ ގިނަ ވަގުތު ހޭދަވާ ކަމެއް." ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ގިނަ މަޝްރޫޢުތައް ފެށުމުގެ ކުރީން ވާންޖެހޭ ތައްޔާރީތައް ފަރުދާގެ ފަހަތުގައި ހަލުވިކަމާއެކު ހިނގަމުން އަންނަ ކަމަށެވެ. އަދި ބޭރު ޤައުމުތަކަށް ކުރެއްވި ދަތުރުފުޅުތަކުގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް ބައިވަރު ކަންތައްތައް ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.