ކުރިން ޓްވިޓާގެ ނަމުގައި ހިންގަމުން އައި މިހާރުގެ "އެކްސް" ބްރެޒިލްގައި މަނާކޮށްފި އެވެ.
އެންމެ މަގުބޫލު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ތެރޭގައި ހިމެނޭ، މަހުޖަނު އީލޮން މަސްކްގެ "އެކްސް" ބްރެޒިލުން މަނާކުރީ އެ ޕްލެޓްފޯމް މެދުވެރިކޮށް ދޮގު ޚަބަރުތައް ފަތުރާ ކަމަށް ބުނެ، ގިނަ އަދަދެއްގެ އެފަދަ އެކައުންޓްތަކެއް ސަސްޕެންޑްކޮށް ދޭން އެޕްރީލް މަހުގެ ތެރޭގައި އެދުމުން އެކަމަށް އިޖާބަ ވެސް ދީފައި ނުވާތީ އެވެ.
އަދި "އެކްސް" އިން ބްރެޒިލް އަށް ވަކީލަކު ކަނޑައަޅައި ދޭން އެދި އެ ގައުމުގެ ސުޕްރީމް ކޯޓުން މުހުލަތެއް ވެސް ދީފައިވެ އެވެ. "އެކްސް" މަނާކުރީ ދިން މުހުލަތުގެ ތެރޭގައި އެ އަމުރާ އެއްގޮތަށް ވެސް އަމަލުކޮށްފައި ނުވާތީ އެވެ.
Free speech is the bedrock of democracy and an unelected pseudo-judge in Brazil is destroying it for political purposes https://t.co/eqbowALCeu
— Elon Musk (@elonmusk) August 30, 2024
އެ ނިންމުމާ ގުޅިގެން އީލޮން ވަނީ ސުޕްރީމް ކޯޓުގެ ނިންމުމަށް ފާޑު ވިދާޅުވެފަ އެވެ. އޭނަ ވިދާޅުވީ މިއީ ބްރެޒިލް އިން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ދެކޮޅަށް ނިންމި ނިންމުމެއް ކަމަށާއި އެ ނިންމުން ނިންމުގައި ފަނޑިޔާރުންގެ ބެޗްގައި އިންނެވީ ވެސް އުސޫލާ ހިލާފު ފަނޑިޔާރެއް ކަމަށެވެ. އަދި މިއީ ސިޔާސީ ގޮތުން ނިންމި ނިންމުމެއްގެ ގޮތުގައި ސިފަކުރައްވާފައިވެ އެވެ.
ބްރެޒިލުން "އެކްސް" މަނާކުރި އިރު، އެ ގައުމުގައި އެ ބޭނުންކުރާ މީހުންގެ އަދަދު 22 މިލިއަނަށް ވުރެ ގިނަ އެވެ.