Last Updated: November 26, 20:40
Tuesday, November 26, 2024
ޚަބަރު

ބްރިޖުގެ ލޭނެއް މަދެއް ނޫން: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު- ފޮޓޯ: ރައީސް އޮފީސް

ސިނަމާލެ ބްރިޖްގެ މަސައްކަތް ހައުސިން މިނިސްޓްރީއާ ހަވާލުކުރިފަހުން ލޭނުގެ އަދަދަށް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް މުއިއްޒު ވިދާޅުވީ ބްރިޖްގެ މަސައްކަތުގައި ހައުސިން މިނިސްޓްރީ ބައިވެރިކޮށްފައިވަނީ 2014 އަހަރު ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ، އެއްވެސް އިރެއްގައި ބްރިޖް ލޭނުގެ އަދަދު ބަދަލުވެފައިނުވާ ކަމަށާއި، އެންމެ ފުރަތަމަ ވެސް ހަވާލުވިއިރު އޮތީ ހަމަ ކޮޅަކަށް 2 ލޭނު ކަމަށެވެ.

"ދެން، ސައިޑްގައި ޕެޑެސްޓްރިއަން ނުވަތަ ބައިސްކަލް ލޭނުގެ ގޮތުގައި ކަނޑައެޅި ލޭން އެއޮތީ." ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ބްރިޖު ނިމެން މަހަކާއި ކައިރިވެފައި ވަނިކޮށް ޔާމީން ބްރިޖް ކޮމިޓީއާ ބައްދަލުކޮށް ސައިކަލަށް ވަކި ލޭނެއް އޮންނަން ޖެހޭނެ ކަމަށް ބުނި ކަމަށެވެ. އެކަމަށް ކުރެވެން ހުރި ކަންކަން ބެލުމަށްފަހު، އެހާ ލަސްކޮށް އެކަން ނުވާނެކަމަށް ބުނެފައިވާނެ ކަމަށް ވިދާޅުވިއެވެ.

ސައިކަލަށް ވަކި ލޭނެއް ނެތް ނަމަ ނުހުޅުވޭނެ ކަމަށް ޔާމީން ބުނި ކަމަށާއި އެހެންނަމަވެސް ބްރިޖު ނުހުޅުވައިފިނަމަ ދެގައުމުގެ ގުޅުމަށް ވެސް އަސަރުކުރާނެތީ ބްރިޖް ހުޅުވުމަށް ޔާމީނަށް ދެއްނެވި ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ހައުސިން މިނިސްޓްރީއާ މަޝްރޫއު ހަވާލުކުރުމުގެ ކުރިން އެ މަޝްރޫއާ ގުޅޭ އެއްވެސް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.