ޗައިނާ އާއި އިންޑިއާ ފަދަ ގައުމުތަކުން ރާއްޖެ އަށް ދީފައިވާ ބޮޑެތި ލޯނުތައް އަވަހަށް ރިސްޓްރަކްޗަ ކުރަން ޖެހޭ ކަމަށް މަޖިލީހުުގެ މަރަދޫ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭނަ ވިދާޅުވީ ކުރިއަށް އޮތް ދެ އަހަރަށް ދައްކަން ހުރި ލޯނުތައް އިންޑިއާ އާއި ޗައިނާ ފަދަ ގައުމުތަކާ ވާހަކަ ދައްކައިގެން ރިސްޓްރަކްޗަ ކުރެވޭނެ މަގެއް ހޯދަން ޖެހޭނެ ކަމަށެވެ.
"އެކަން ނުކޮށް ލަސްކުރާ ނަމަ ވޯލްޑް ބޭންކާއި އައިއެމްއެފްގެ ޕްރޮގްރާމަކަށް ދާން ޖެހިދާނެ ފަދަ ހާލަތެއް މެދުވެރިވެދާނެ." މަވޯޓާ ވިދާޅުވި އެވެ.
Bodethi loan thah kuriyah mi oi 2aharu dhakkan huri India,China fadha gaumu thakaaeku negotiate koggen aamu dhaneeah sakeygaa vaagothkah restructure kureveyne mageh avahah hoadhan ebajehey.Ekan nukoh las kuraa mama IMF/WB programakah dhaan jehidhaane haalatheh medhuveri vedhaane
— Ibrahim Shareef (@AdduShareef) August 31, 2024
ރާއްޖޭގެ އިގުތިސާދީ ހާލަތު ރަނގަޅު ކުރަން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށް ސަރުކާރުން ތަކުރާރުކޮށް ބުނަމުން އަންނަ އިރު، ދުނިޔޭގެ ކްރެޑިޓް ރޭޓިން، ފާމް ފިޗުން މިދިޔަ ހަފުތާގައި ވަނީ ރާއްޖެއަށް ދީފައިވާ ރޭޓިން "ސީސީސީ" އިން "ސީސީ" އަށް ދަށްކޮށްފަ އެވެ.
ފިޗުން ބުނެފައިވާ ގޮތުގައި މިއަހަރުގެ މެއި މަހު 492 މިލިއަން ޑޮލަރުގައި ހުރި ރާއްޖޭގެ ޖުމްލަ ބޭރު ފައިސާގެ ރިޒާވް، މިދިޔަ މަހު ގާތްގަނޑަކަށް 20 ޕަސެންޓް ދަށްވެ، ޑޮލަރުގެ ރިޒާވް 395 މިލިއަން ޑޮލަރަށް ތިރިވެފައިވެ އެވެ.
މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފައި ވަނީ ސާކް ފްރޭމްވާކްގެ ދަށުން ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އާ އެކީ 400 މިލިއަން ޑޮލަރުގެ ފޮރިން ކަރަންސީ ސްވޮޕް އެރޭންޖްމަންޓެއް ގާއިމުކުރުމުގެ ފަންނީ ހުރިހާ މަސައްކަތެއް ނިމި، އެރޭންޖްމަންޓްގައި ސޮއިކުރަން މިހާރު ތައްޔާރުވަމުން އަންނަ ކަމަށެވެ.