ބޮލީވުޑްގެ ހުނަރުވެރި އެކްޓަރު ރާޖްލުމާރު ރާއޯ ފުރަތަމަ ފަހަރަށް ގޭންގްސްޓާރެއްގެ ރޯލު ކުޅޭ ފިލްމުގެ ނަމަކީ "މާލިކް" ކަން އިއުލާންކޮށް، އޭގެ ޕޯސްޓަރު ވެސް ދައްކާލައިފި އެވެ.
މި އެކްޝަން ތުރިލާ އަކީ ޕްރޮޑިއުސަރު ރަމޭޝް ތައުރާނީގެ ޓިޕްސް ފިލްމްސް އާއި ނަދަން ލައިޓްސް ފިލްމްސް ގުޅިގެން ހަދަން ހަމަޖެހިފައިވާ އެއްޗެކެވެ. "މާލިކް" ގެ ޑައިރެކްޓަރަކީ މި އަހަރުގެ ފެބްރުއަރީގައި ބަތަލާ ބޫމީ ޕިޑްނޭކަރާ އެކީ، ޝާހްރުކް ޚާންގެ ފިލްމު ކުންފުނި، ރެޑް ޗިލީސް އެންޓަޓައިންމަންޓުން ގެނެސްދިން ކްރައިމް ތުރިލާ "ބަކްޝަކް" ގެ ޑައިރެކްޓަރު ޕުލްކިތެވެ.
"މާލިކް" މިއަދު އިއުލާންކުރި ނަމަވެސް މީގެ އިތުރު ކާސްޓުންނާއި ބެލުންތެރިންނަށް ފިލްމު ގެނެސްދޭނެ ތާރީހެއް އަދި ހާމައެއް ނުކުރެ އެވެ.
ނެޝަނަލް އެވޯޑް ހޯދާފައިވާ ރާޖްގެ އެންމެ ފަހުގެ ފިލްމަކީ މިހާރު އިންޑިއާގެ ބޮކްސް އޮފީހުގައި ވަކި ހިއްޕާލާފައި އޮތް ހޮރޯ-ކޮމެޑީ "އިސްތިރީ 2" އެވެ. މިއީ މި އަހަރު ރިލީޒްވި އޭނަގެ ތިން ވަނަ ފިލްމެވެ. ރާޖް ދެން އެންމެ އަވަހަށް ފެންނާނީ އޮކްޓޯބަރު 11 އަށް ތާވަލުކޮށްފައި އޮތް "ވިކީ ވިދިއާ ކާ ވޯ ވާލާ ވީޑިއޯ" އިންނެވެ.