Last Updated: January 11, 04:25
Friday, January 10, 2025
ޚަބަރު

ޑްރަގް ގެންގުޅުނު ކެނެޑާ މީހަކު އުމުރަށް ޖަލަށް

ރާއްޖޭގައި މަސްތުވާތަކެތި ގެންގުޅުނު ކެނެޑާ މީހަކު އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ފަތުރުވެރިއެއްގެ ގޮތުގައި ރާއްޖެއައިސް ހުރި ކެނެޑާގެ ރައްޔިތެއް ކަމަށްވާ ސްކޮޓް ވިލިއަމް އާމްސްޓްރޯންގްގެ މައްޗަށެވެ. 

އޭނާގެ މައްޗަށް އުފުލި ދައުވާގައި ބުނެފައިވަނީ، 2019 ޖުލައި 21 ވަނަ ދުވަހު ބ. މާޅޮސްގައި ހުންނަ ގެސްޓްހައުސްއެއްގެ ކޮޓަރިއެއްގައި މަސްތުވާތަކެތި ގެންގުޅެ ވިޔަފާރި ކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެ ގެސްޓްހައުސްގެ މީނާ ހުރި ކޮޓަރިއަށް ފުލުހުން ގޮސްފައިވާ ކަމަށެވެ.

ކޮޓަރިއަށް ފުލުހުން ވަނުމުން ފުލުހުންނަށް އެއްބާރުލުން ދޭނެކަމަށް ބުނެ މިނީބާ ތެރޭގައި އޮތް ކޮންޓެއިނަރެއް ނަގައި ފުލުހުންނާ ހަވާލު ކުރިއިރު އޭގެ ތެރެއިން 26.75 ގްރާމުގެ ކެނެބިސް ފެނިފައިވާ ކަމަށް ދައުވާގައި ބުނެފައިވެއެވެ. އަދި އެ ކޮޓަރީގައި ހުރި ދަބަހެއްގެ ތެރެއިން 0.11 ގްރާމްގެ ކެނެބިސް ފެނިފައިވާ ކަމަށްވެސް ދައުވާގައި ބުނެފައިވެއެވެ.

މި މައްސަލައިގައި ކޮށްފައިވާ ދައުވާއަށް މީނާވަނީ އިންކާރު ކޮށްފައެވެ. އަދި މި ތަކެއްޗަކީ އޭނާގެ އެއްޗެހި ނޫން ކަމަށް ބުނެފައިވެއެވެ. އޭނާއަކީ ފަތުރުވެރިއެއް ކަމަށާއި އަދި އޭނާ ހުރި ކޮޓަރިއަކީ އެހެން މީހުންނަށް ވެސް ވަދެވޭނެ ގޮތަށް ހުރި ކޮޓަރިއެއް ކަމަށްވެސް އޭނާ ވަނީ ކޯޓުގައި ބުނެފައެވެ.

އެހެންނަމަވެސް ދައުލަތުން ހުށަހެޅި ހެކިތަކަށް ރިއާޔަތްކޮށް މައްސަލަ ބައްލަވާ ގާޒީ ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅާފައެވެ. އަދި ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް އުުމުރަށް ޖަލަށްލުމާއެކު 100،000 ރުފިޔާއިން ޖުރިމަނާ ކުރުމުގެ ހުކުމެއް އިއްވާފައެވެ. މީގެތެރެއިން އޭނާ ބަންދުގައި ހުރި މުއްދަތު އުނިކުރުމުން ތަންފީޒު ކުރަންޖެހޭ އަދަބަކީ 24 އަހަރާއި 6 މަހާއި 21 ދުވަސް ކަމަށް ކަނޑައަޅާފައިވެއެވެ.