Last Updated: January 11, 04:25
Friday, January 10, 2025
ރިޕޯޓް

ﷲ ހަނދުމަ ނުކުރެވޭ މަޖިލިސްތަކުން ރައްކާތެރިވޭ!

މީސްތަކުންނަކީ މަޖިލިސްތަކަށް އެއްވެ އުޅޭ ބައެކެވެ. އަދި އެމަ ޖިލިސްތަކުގައި އެބައި މީހުން ތަފާތު ޒާތްޒާތުގެ ވާހަކަ ދައްކާ އުޅެއެވެ. މިފަދަ މަޖިލިސްތަކުގެ ތެރެއިން އެންމެ މާތް މަޖިލިސްތަކަކީ އެމަޖިލީހެއްގައި ﷲ ތަޢާލާ ޛިކުރުކުރެވޭ މަޖިލިސްތަކެވެ. އެމަޖިލީހެއްގައި ﷲ ތަޢަލާ އާއި އެއިލާހުގެ ނަބިއްޔާގެ ނަންފުޅު ޛިކުރުނުކުރެވޭ މަޖިލީސްތަކަކީ އިސްލާމީ ޝަރީޢަތުގައި މަލާމާތް ލިބިގެންވާ މަޖިލިސްތަކެވެ. ފަހެ، ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ވަނީ އެފަދަ މަޖިލިސްތަކުން ރައްކާތެރިވެ ތިބުމަށް އަންގަވާފަ އެވެ.

އެފަދަ މަޖިލިސްކުރާ މީހުންނަކީ އެބައިމީހުންގެ ވަގުތުތައް ބޭކާރުގޮތުގައި ފައިދާއެއް ނެތްގޮތުގައި ހޭދަކުރުމުގެ ސަބަބުން ޤިޔާމަތްދުވަހުން ނިކަމެތިކަން ލިބިގެންވާ ބަޔަކުކަން އަންގަވާފަ އެވެ. އަދި މިފަދަ މަޖިލިސްތަކުގައި ވަގުތުހޭދަކުރުމީ ހިތްތައް ގާވެ ނަސޭޙަތް ދޭމީހެއްގެ ނަސޭޙަތަކުން އަދި ވަޢުޡުދޭމީހެއްގެ ވަޢުޡަކުންވެސް ފާއިދާނުކުރުވަނިވި ސަބަބެއްކަން ބަޔާންކުރައްވާ އަންގަވާފައެވެ. ﷲ ވަޙީކުރައްވާފައިވެއެވެ.{ مَا يَلْفِظُ مِنْ قَوْلٍ إِلا لَدَيْهِ رَقِيبٌ عَتِيدٌ}{ ق 18}.މާނައީ:”(ކުރާ ޢަމަލުތައް)ބަލަހައްޓަވަން އޭނަގެ ކައިރީގައި ޙާޟިރުވެ މަލާއިކަތަކުނެތި އޭނައަކަށް އެއްވެސް ބަހެއް ނުބުނެވެ”.

ރަސޫލުﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.{ ‏ما جَلَس قَوْمٌ مَجْلِساً لَمْ يَذْكُرُوا اللَّهَ تَعالى فِيهِ ولَمْ يُصَلُّوا على نَبِيِّهمْ فِيهِ إِلاَّ كانَ عَلَيْهِمْ تِرَةٌ، فإنْ شاءَ عَذبهُمْ، وَإنْ شاءَ غَفَرَ لَهُم‏}{ قال الترمذي‏:‏ حديث حسن‏‏}.މާނައީ:”ބަޔަކުމީހުން މަޖިލީހެއްގައިވާ ޙާލު އެބައިމީހުން އެމަޖިލީހުގައި ﷲ ތަޢާލާގެ މަތިން ހަނދުމަ ނުކޮށް އަދި އެއިލާހުގެ ނަބިއްޔާގެ މައްޗަށް ޞަލަވާތް ނުކިޔަވައިފިނަމަ އެބައިމީހުންގެ މައްޗަށް ގެއްލުން ނޫން އެހެންކަމަށް ނެތެވެ. ފަހެ ﷲ އިރާދަ ކުރައްވައިފިނަމަ އެބައިމީހުންނަށް ޢަޒާބު ދެއްވާހުއްޓެވެ. އަދި އިރާދަކުރައްވައިފިނަމަ ޢަޒާބުނުދެއްވައި ފާފަފުއްސަވާ ހުއްޓެވެ”.

އަދިވެސް ޙަދީޘްފުޅުކުރައްވާފައިވެއެވެ.{ لاَ تُكْثِرُوا الْكَلاَمَ بِغَيْرِ ذِكْرِ اللَّهِ فَإِنَّ كَثْرَةَ الْكَلاَمِ بِغَيْرِ ذِكْرِ اللَّهِ قَسْوَةٌ لِلْقَلْبِ وَإِنَّ أَبْعَدَ النَّاسِ مِنَ اللَّهِ الْقَلْبُ الْقَاسِى}{ أخرج الترمذي }.މާނައީ:” ﷲ ތަޢާލާ ޛިކުރުކުރުމުން މެނުވީ ތިޔަބައިމިހުން ވާހަކަ ގިނަ ނުކުރާހުށިކަމެވެ. ފަހެ، ހަމަކަށަވަރުން ﷲ ޛިކުރުކުރުމުން ފިޔަވައި ވާހަކަ ގިނަކުރުމީ ހިތްތައް ގާވެ ހަރުކަށިވާހުށިކަމެކެވެ. އަދި ހަމަކަށަވަރުން މީސްތަކުންގެ ތެރެއިން ﷲ އާއި އެންމެ ދުރުވެގެންވާ މީހަކީ ގާވެ ހަރުކަށިވެފައިވާ ހިތެކެވެ. (އެބަހީ ހަރުކަށި ހިތެއްގެ ވެރިއާއެވެ.)"

ނޯޓް: ނޫރުލްއިސްލާމް