ސަރުކާރުގެ ކުންފުނިތަކެއް އެއްކޮށްލުމާ ގުޅޭ މަޝްވަރާތައް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުވުމަށް އެޖެންޑާ ކޮށްފިއެވެ.
ރައީސް އޮފީހުން ސޯޝަލްމީޑިއާގައި ހިއްސާކުރި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވީޑިއޯއެއްގައި އެމަނިކުފާނު ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތައް ރިފޯމް ކުރުމުގެ ދަށުން މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.
އެގޮތުން ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުވުމުގައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ދަށަށް ބަދަލު ކުރުން ނުވަތަ އެ ދެ ކުންފުނި އެއްކޮށްލައިގެން ހިންގާނެ ގޮތްތަކުގެ މަޝްވަރާތައް ކުރެވޭނެ ކަމަށް ވިދާޅުވިއެވެ. އަދި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ދަށަށް ފަހި ދިރިއުޅުން ކޯޕަރޭޝަން ބަދަލުކުރުމާއި މޯލްޑިވްސް ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަނާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އެއްކޮށްލައިގެން ހިންގޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރުން ހިމެނޭކަން ރައީސް މުއިއްޒު ފާހަގަ ކުރެއްވިއެވެ.
ވަޒީރުންގެ މަޖިލީހުން މިދިޔަ ހަފުތާގައި ވަނީ ފެނަކަ އެސްޓީއޯގެ ދަށަށް ބަދަލުކުރުމަށް ނިންމާފައެވެ.
މީގެއިތުރުން ރައީސް މުއިއްޒު ވިދާޅުވީ އިގްތިސާދު ޑައިވާސިފައި ކުރުމަށް އިންވެސްޓާ ރެސިޑެންސީ ޕްރޮގްރާމެއް ހިންގުމާ ގުޅޭ މަޝްވަރާތައްވެސް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުވުމުގައި ކުރިއަށްދާނެ ކަމަށެވެ.