ތަފާތު އެކި ބާވަތްތަކުގެ ކުށެއް ކުރުމުގެ ކުރިން އާޓިފިޝަލް އިންޓެލިޖެންސް އޭއައި) ޓެކްނޮލޮޖީ ބޭނުންކޮށްގެން އެކަން ހުއްޓުވުމުގެ ގާބިލްކަން ފުލުހުންނަށް ހޯދައި ދޭން ޖެހޭ ކަމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ދުވަސް ފާހަގަކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ސީޕީ ވިދާޅޫވީ މި ޒަމާނަކީ ޓެކްނޮލޮޖީ އަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ޒަމާނެއް ކަމަށެވެ. އެހެންވެ ފުލުހުން ވެސް މަސައްކަތުގައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރިއަށް ދާން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ސީޕީ ވިދާޅުވި ގޮތުގައި ކުށުގެ ވެއްޓަށް އަންނަމުންދާ ބަދަލުތަކަށް ފުލުހުން މިހާރު ވަރަށް ބޮޑަށް ތައްޔާރުކުރަން ޖެހޭ ކަމަށެވެ. އަސި ރާއްޖެ އަށް މިއަދު އެންމެ ބޮޑު ގޮންޖެހުމަކީ މަސްތުވާތަކެއްޗާއި ކުށްކުރާ ގްރޫޕްތަކުގެ އުދަނގޫ ބޮޑުވުން ކަމަށާއި އެކަން ހުއްޓުވުމަށް ތަފާތު ގޮތަކަށް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
"ކޮންމެ ދުވަހަކުވެސް ކޮންމެ ފުލުހުން މަސައްކަތް ކުރަނީ އެ މީހުންގެ ފަރާތުން ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށް ދިނުމަށް. މި މަސައްކަތުގެ ތެރޭގައި ފުލުހުންނަށް ތައުރީފުކުރުމާއި ފުލުހުންނަށް ފާޑުކިޔުމާ އެއީ މި މަސައްކަތުގެ ބައެއްކަން އަޅުގަނޑުމެން ގަބޫލުކުރަން،" ސީޕީ ވިދާޅުވި އެވެ. "މިއަދަކީ ޓެކްނޮލޮޖީ އާއި ސޯޝަލް މީޑިއާގެ ޒަމާން. މަގުމަތީގަ ހުންނަ ކެމެރާތަކުން ފުލުހުންގެ އެކިއެކި އޭންގަލްތަކުން ފޮޓޯ ނަގާނެކަން އަޅުގަނޑުމެންނަށް އެނގޭ. އެއީ އެކަން އޮންނާނެ ގޮތް ވެސް މެ."
ޝުޖާއު ވިދާޅުވީ ގައުމުގައި ރޭވިގެން ހިންގާ ބޮޑެތި ކުށްތައް ތަހުގީގުކުރުމުގައި ފުލުހުން މިހާރަށް ވުރެ ބޮޑަށް ކުޅަދާނަ ވާންޖެހޭ ކަމަށާއި ޓެރަރިޒަމާއި ފައިނޭންޝަލް ކްރައިމްސް ތަހުގީގުކުރުމުގައި ފުލުހުންގެ ކެޕޭސިޓީ އެތައް ގުނައެއް އިތުރުކުރުމަކީ ވަރަށް ބޮޑަށް ކިރަން ޖެހިފައިވާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
ސީޕީ ވިދާޅުވީ ފުލުހުންނަށް ބޭނުންވާ ވަސީލަތްތަކާއި ފުލުހުންނަނަށް ބޭނުންވާ ތައުލީމާއި ތަމްރީނު ހޯދައި ދޭން މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށެވެ. އަދި އެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ދެއްވާފައިވާ ކަމަށް ސީޕީ ވިދާޅުވި އެވެ.