Last Updated: September 16, 22:20
Monday, September 16, 2024
މުނިފޫހިފިލުވުން

ކަންގަނާގެ "އިމަޖެންސީ" ތާށިވެއްޖެ!

އަންނަ ހުކުރު ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ އިންޑިއާގެ ބަތަލާ ކަންގަނާ ރަނާވަތުގެ ސިޔާސީ ފިލްމު "އިމަޖެންސީ" އަށް ދިމާވަމުންދާ ފިއްތުންތަކާ ހެދި ފިލްމު ތާވަލުކުރި ތާރީހުގައި ރިލީޒްނުކުރަން ނިންމައިފި އެވެ.

މިޑިއާތަކުން ބުނީ ފިލްމު ރިލީޒްކުރާނެ އާ ތާރީހެއް މި ހަފުތާގެ ތެރޭގައި ފިލްމުގެ ޓީމުން އިއުލާން ކުރާނެ ކަމަށެވެ. އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ރޯލު ކަންގަނާ ކުޅެފައިވާ "އިމަޖެންސީ" އަކީ އޭނަ ޒީ ސްޓޫޑިއޯސްއާ ގުޅިގެން ޕްރޮޑިއުސްކޮށް، ޑައިރެކްޓް ވެސް ކޮށްފައިވާ ފިލްމެކެވެ.

ފިލްމުގައި އިންޑިއާގެ ބައެއް ކޮމިއުނިޓީތަކަށް ކުޑައިމީސްވާ ގޮތަށް މަންޒަރުތައް ހިމަނާފައިވާ ކަމަށް ބުނެ މި ފިލްމު ދެއްކުން މަނާކޮށް ދޭން އެކިއެކި ޖަމާއަތްތަކުން އެކިއެކި ސްޓޭޓްތަކުގެ ކޯޓްތަކަށް ވެސް ހުށަހަަޅާފައިވެ އެވެ. އަނެއްކޮޅުން ސެންސަރު ބޯޑުން ވެސް ފިލްމުގެ ބައެއް މަންޒަރުތަކާއި ޑައިލޮގްތައް ކަނޑާލުން ފަދަ ކަންކަން ދިމާވެ، އެކަމުގެ ނުރުހުން ކަންގަނާ ފާޅުކޮށްފައިވެ އެވެ.

"އިމަޖެންސީ" އަންނަ ހުކުރު ދުވަހު ރިލީޒް ނުކުރަން ނިންމި ނަމަވެސް މިކަމާ ބެހޭ ގޮތުން ސީދާ ކަންގަނާ އަދި ވަކި އެއްޗެއް ނުބުނެ އެވެ.

މިހާރު ވެރިކަން ކުރާ ބީޖޭޕީގެ މެންބަރެއްގެ ގޮތުގައި ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރަމުން އަންނަ ކަންގަނާ ވަނީ އޭނަގެ ފިލްމާ ދެކޮޅަށް އެކި ފަރާތްތަކުން ނުކުމެފައިވާ އިރު، އެކަމާ ބެހޭ ގޮތުން ބޮލީވުޑްގެ ބަޔަކު ވާހަކަ ނުދައްކާތީ އެކަމާ ވެސް ވެސް ނުރުހުން ފާޅުކޮށްފަ އެވެ.

"އިމަޖެންސީ" އަކި އިންދިރާގެ ވެރިކަމުގައި އިންޑިއާގެ މަސްރަހު ހޫނުވެ، ހަލަބޮލިވި ކުއްލި ހާލަތަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. ކަންގަނާ ސިފަކޮށްފައިވާ ގޮތުގައި މި ފިލްމަކީ ހޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ކްރިސްޓޮފާ ނޯލަން މިދިޔަ އަހަރު ގެނެސްދިން "އޯޕަންހީމާ" ހާ މޮޅު ފިލްމަކަށް ވާނެ އެވެ.