އިސްލާމްދީނުގައި އެންމެ ބޮޑަށް ޙަރާމް ކުރެއްވި ތަކެތީގެ ތެރޭގައި ރިޝްވަތުހިމެނެއެވެ. ރިޝްވަތަކީ ފައިސާ ދިނުމަކާ ނުލައި ކޮށްދޭން ޖެހޭ ކަމެއްގައި ތިމާގެ އަމިއްލަ މަޞްލަޙަތެއް ފުރިހަމަ ކުރުމުގެ ބޭނުމުގައި މަސްއޫލުވެރިންނަށް ދެވޭ އެއްޗަކަށް ކިޔޭނަ މެކެވެ.
އިބްނުޢާބިދީން-ރަޙިމަހުﷲ- އެކަލޭގެފާނުގެ “ޙާޝިޔާ” އޭ ކިޔުނުފޮތުގައި ލިޔުއްވާފައިވެއެވެ. “ރިޝްވަތަކީ: ޙާކިމާއަށް ނުވަތަ އެނޫންވެސް ފަރާތަކަށް ތިމާއާއި އެއްކޮޅަށް މައްސަލަ ނިންމުމަށް، ނުވަތަ އޭނާ ބޭނުން ގޮތަކަށް މައްސަލަ އަނބުރާލުމަށްޓަކައި ދެވޭ އެއްޗަކަށްކިޔޭ ނަމެކެވެ”. މިތަނުގައި ޙާކިމް އޭ އޮތް ބަހުގެ މުރާދަކީ ގާޟީ ނުވަތަ އެނޫންވެސް ރިޝްވަތުދޭމީހާގެ މަޞްލަޙަތު އަނބުރާލުމުގެ ބާރު ލިބިގެންވާ މީހާއެވެ.
ރިޝްވަތުގައި ޝާމިލްވާ ތިން ރުކުންވެސް ވަނީ ޙަރާމް ކަންތައްތަކުގެ ތެރޭގައެވެ. އެއީ ރިޝްވަތުދިނުމާއި، ހިފުމާއި އަދި އެކަމުގައި މެދުވެރިއަކަށްވުމެވެ. ރަސޫލާ -ޞައްލަﷲ އަލައިހި ވަސައްލަމް- ގެ ކިބައިން ރިވާވެގެންވެއެވެ.
(لعن الله الراشي والمرتشي والرائش) رواه أحمد
މާނައަކީ: “ރިޝްވަތުދޭމީހާއާއި، ހިފާމީހާ، އަދި މެދުވެރިއަކަށްވާ މީހާއަށް މާތް ﷲ ލަޢުނަތް ލައްވައެވެ”.
މާތްﷲ ގެ ލަޢުނަތްލެއްވުމޭ ބުނެވޭބަހުގެ މާނައަކީ: އެމީހަކު މާތް ﷲ ގެ ރަޙްމަތުން ބޭރުކޮށްލެވުމެވެ.
ރިޝްވަތުދިނުމަކީ ބޮޑެތި ފާފަ ތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެކަމުގައި އުޅޭ އެންމެންގެ މައްޗަށް މާތް ﷲ ގެ ލަޢުނަތް ޙައްގުވެންވާ ކަމަށް ކީރިތި ރަސޫލާ -ޞައްލަﷲ އަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވާ އެއްޗެކެވެ. މިފަދަ ނުބައި ކަންތައްތަކުގައި އެކަކު އަނެކަކަށް އެހީތެރިވެ ނޫޅުމަށް ކީރިތި ޤުރްއާނުގައި ވަނީ އަންގަވާފައެވެ.
(وتعاونوا على البر والتقوى ولا تعاونوا على الإثم والعدوان)
މާނައަކީ: “ތިޔަބައިމީހުން ހެޔޮކަންތަކުގައި އެކަކު އަނެކަކަށް އެހީތެރިވެ އުޅޭށެވެ. އަދި ނުބައިކަންތަކުގައި އެކަކު އަނެކަކަށް އެހީތެރިވެ ނޫޅޭށެވެ”. (ސޫރަތުލް މާއިދާ ގެ 2 ވަނަ އާޔަތް).
ރިޝްވަތަކީ “ސުޙްތު” ގެ ބާވަތެކެވެ. އެގޮތުން އިބްނު ޢުމަރު-ރަޟިޔަﷲ ޢަންހު- ކީރިތި ރަސޫލާ-ޞައްލަﷲ އަލައިހިވަސައްލަމަ- ގެ ކިބައިން ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ.
(كل لحم أنبته السحت فالنار أولى به ، قيل: وما السحت؟ قال: الرشوة في الحكم)
މާނައަކީ: “ސުޙްތުކައިގެން ހަށިގަޑުގައި ޖަހާފައިވާމަހަށް އެންމެ އައުލާކަންބޮޑީ ނަރަކައިގެ އަލިފާންގަނޑެވެ”. ދެންނެވުނެވެ. “ސުޙްތަކީ ކޮބައިތޯއެވެ؟” ޙަދީޘް ކުރެއްވިއެވެ. “ޙުކުމްގައި ރިޝްވަތު ދިނުމެވެ”.
ރިޝްވަތުފަދަ ޙަރާމް ގޮތްގޮތުން ހޯދޭ މުދަލާއި ފައިސާ ބޭނުންކުރުމަކީ އެކަމުގެ ސަބަބުން ދުޢާތައް އިޖާބަވުން ހުއްޓިގެންދާ ކަމެކެވެ.
އަބޫހުރައިރާ-ރަޟިޔަﷲ ޢަންހު-ގެ ކިބައިން އަލްއިމާމް މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ.
(إن الله تعالى طيب لا يقبل إلا طيباً وإن الله أمر المؤمنين بما أمر به المرسلين » فقال تعالى:
{ يا أيّها الرُّسُلُ كُلُوا من الطيّباتِ وَاعْمَلُوا صالحاً )
وقال تعالى( يا أيها الذين آمنوا كُلُوا من طيّباتِ ما رزقْناكُم)البقرة: 172]
ثم ذكر الرجل يطيل السفر أشعث أغبر يمد يديه إلى السماء يا رب، يا رب، ومطعمه حرام، ومشربه حرام، وملبسه حرام، وغُذّي بالحرام فأنّى يُستجابُ له؟
މާނައަކީ: “ހަމަކަށަވަރުން ﷲ ތަޢާލާ އަކީ ހުރިހާ ރަނގަޅުކަމެއްގެ ޞިފަލިބިގެންވާ އިލާހެވެ. އެއިލާހު ރަނގަޅު ކަންތައް ފިޔަވާ އެހެން ކަމެއް ގަބޫލެއް ނުކުރައްވައެވެ. މާތް ﷲ މުއުމިނުންނަށް އަމުރުކުރައްވަނީ ހުރިހާ ރަސޫލު ބޭކަލުންނަށްވެސް އަމުރު ކުރެއްވިފަދައިންނެވެ. ވަޙީކުރެއްވިއެވެ. “އެންމެހައި ރަސޫލު ބޭކަލުންނޭވެ. ޙަލާލު ރަނގަޅުތަކެތި ކައިހަދާށެވެ. އަދި ހެޔޮ ޢަމަލު ކުރާށެވެ”. (ސޫރަތުލް މުއުމިނޫން ގެ 51 ވަނަ އާޔަތް). އަދި މުއުމިނުންނާ މުޚާޠަބު ކުރައްވާ ވަޙީ ކުރެއްވިއެވެ. “އޭއީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުންނަށް ޙަލާލު ކުރެއްވި ރަނގަޅު ތަކެތިން ކައިބޮއި އުޅޭށެވެ. އަދި ހެޔޮ ޢަމަލު ކުރާހުށިކަމެވެ”. (ސޫރަތުލް ބަގަރާ ގެ 172 ވަނަ އާޔަތް)، އެއަށްފަހު ޙަދީޘް ކުރެއްވިއެވެ. “މީހަކު ދިގުދަތުރެއްގެ މަތީގައި ހުރެ، ދަތުރުގެ ވަރުބަލިކަންމަތީގައި ހުރެ ހައްދަވާގެންގުޅުއްވާ އިލާހޭ ދަންނަވާ، ދެއަތްމައްޗަށްނަގައި، ގިނަ ގިނައިން ދުޢާ ކުރި ކަމުގައިވީނަމަވެސް އޭނާގެ ކާއެއްޗިއްސާއި، ބޯއެއްޗެތި އަދި އަންނައުނަކީ ޙަރާމްގޮތުގައި ހޯދާފައިވާ ތަކެތި ކަމަށްވަނީ ނަމަ އޭނާގެ ދުޢާ އިޖާބަ ކުރައްވާނީ ކޮންގޮތަކުންތޯއެވެ؟!”.
މިޙަދީޘް އިން ދޭހަވާ ގޮތުގައި ދުޢާ އިޖާބަ ކުރެއްވުމުގެ ސަބަބުތަކުގެ ތެރޭގައި ދަތުރުވެރިއަކަށްވުން، ގިނަގިނައިން ދެންނެވުން، ދެއަތްމައްޗަށްނަގާ ދެންނެވުން، އަދި ﷲ ގެ ރުބޫބިއްޔަތުގެ ޞިފަ (ﷲ އީ އިންސާނުން ހައްދަވާ ގެންގުޅުއްވާ އިލާހުކަން) ބޭނުންކުރުން، އަދި ޙަލާލުތަކެތިކެއުން ބުއިމުގައި އަދި ލިބާސްއެޅުމުގައި ބޭނުންކުރުން ހިމެނެއެވެ. އެހެންކަމުން ރިޝްވަތުގެ ޙަރާމް ލާރިކައިބޮއި، އަދި އެފައިސާއިން ހޯދާފައިވާ ހެދުމެއްލައިގެން ހުރެ މާތް ﷲ ގެ ޙަޟްރަތުގައި ދަންނަވާ ދުޢާ މާތް ﷲ އިޖާބަ ނުކުރައްވާނެއެވެ.
އެއް ދުވަހަކު ކީރިތި ރަސޫލާ-ޞައްލަﷲ އަލައިހިވަސައްލަމަ އަންނަނިވި އާޔަތް ކިޔަވާ ވިދާޅުވިއެވެ. (يا أيّها النّاسُ كُلُوا ممّا في الأرضِ حلالاً طيّباً ) މާނައަކީ: “އޭމީސްތަކުންނޭވެ. ތިޔަބައިމީހުން ބިމުގައިވާ ޙަލާލު ރަގަޅުތަކެތިން ކައި އުޅޭށެވެ”، (ސޫރަތުލް ބަގަރާގެ 168 ވަނަ އާޔަތް)، އެހިނދުގައި ސަޢުދު ބިން އަބީ ވައްގާޞް-ރަޟިޔަﷲ ޢަންހު- ކޮޅަށް ތެދުވެވަޑައިގެން ދެންނެވިއެވެ. ” އޭ ﷲ ގެ ރަސޫލާއެވެ. ތިމަން ކަލޭގެ ފާނަކީ ދުޢާ މުސްތަޖާބު ބޭފުޅެއްކަމުގައި ލެއްވުން އެދި މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ކޮށް ދެއްވާށެވެ.”
ރަސޫލާ-ޞައްލަﷲ އަލައިހި ވަސައްލަމަ- ޙަދީޘް ކުރެއވިއެވެ. ”އޭ ސަޢުދު އެވެ. ތިބާގެ ކާނާއަކީ ޙަލާލު އެއްޗެއް ކަމުގައި ހަދާހުށިކަމެވެ. އޭރުން ތިބާއަކީ ދުޢާ މުސްތަޖާބު ބޭފުޅަކަށްވާނެއެވެ. މުޙައްމަދުގެފާނުގެ ނަފްސު އެފަރާތެއްގެ އަތުގައިވާ ފަރާތް ގަންދެއްވާ ވިދާޅުވަމެވެ. މީހަކު ޙަރާމް ތަކެތިން ކޯވަރެއްގެ މިންވަރަށް އަގަޔަށްލީ ކަމުގައިވީ ނަމަވެސް ސާޅީސް ދުވަސް ވަންދެން އެމީހެއްގެ ޢަމަލު ތައް މާތް ﷲ ގަބޫލު ނުކުރައްވާނެއެވެ. އެއްވެސް މީހެއްގެ ހަށިގަޑުގައި ޙަރާމް އެއްޗެއް ކައިގެން މަސްޖަހާފައިވާ ނަމަ، އެމަސްތަކަށް އެންމެ އައުލާކަން ބޮޑީ ނަރަކައިގެ އަލިފާންގަނޑެވެ”.
މީސްތަކުންގެ މުދާ ނަހަމަ ގޮތުގައި ކައި އުޅުން އިސްލާމްދީން ވަނީ ޙަރާމް ކުރައްވާފައެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ.
(يأيها الذين ءامنوا لا تأكلوا أموالكم بينكم بالباطل إلا أن تكون تجارة عن تراض منكم)
މާނައަކީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުންގެ ތެރެއިން ދެފަރާތުގެ ރުހުމުގެ މައްޗަށް އޮންނަ ވިޔަފާރިއަކުން ފިޔަވައި، އެހެން ބާޠިލްގޮތްގޮތަށް ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ކައި ނޫޅޭށެވެ”. (ސޫރަތުއްނިސާ ގެ 29 ވަނަ އާޔަތް).
މީސްތަކުންގެ މުދާ ބާޠިލްގޮތުގައި ކެވޭނެ އެންމެ ބޮޑުގޮތަކީ ރިޝްވަތުގެ ގޮތުގައި ބޭނުންކުރުމެވެ. ސަބަބަކީ ޙައްގު މަގުން ކަމެއް އެއްކިބާ ކުރުމުގެ ގޮތުން ފައިސާ ދެވޭތީއެވެ.
ކީރިތި ގުރްއާނުގައި ޔަހޫދީން ސުހްތު ކެއުމުގެ ސަބަބުން އެބައިމީހުންނަށް ވަނީ ބަދު ބަސް ރައްދުކުރައްވާފައެވެ. ވަޙީ ކުރެއްވިއެވެ.
(سَمّاعُونَ لِلكَذِبِ أَكّالُونَ للسُّحت) މާނައަކީ: “އެއީ ދޮގުބަސް އަހާމީހުންނެވެ. އަދި އެއީ ޙަރާމް މުދާ ކާމީހުންނެވެ”. (ސޫރަތުލް މާއިދާ ގެ 42 ވަނަ އާޔަތް)
ނޯޓް: އިލްމު.އެމްވީ