Last Updated: September 16, 22:20
Monday, September 16, 2024
ޚަބަރު

ފިޝަރީޒް ކޮލެޖްގެ ޑީންއަކަށް ޑރ. ރިޔާޒު

ފިޝަރީޒް މިނިސްޓްރީ އާއި ގައުމީ ޔުނިވަސިޓީ ގުޅިގެން އަލަށް އުފެއްދި ފިޝަރީޒް ކޮލެޖަށް ޑީންއަކު އައްޔަންކޮށްފި އެވެ.

ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސަސްގެ ޑީންއަކަށް އިއްޔެ އައްޔަންކުރީ ޑރ. އަހްމަދު ރިޔާޒު ޖައުހަރީ އެވެ. އެވެ. އޭނަ އެންމެ ފަހުން ހުންނެވީ ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލްގެ މަގާމުގަ އެވެ. ޑރ. ރިޔާޒު ޕީއެޗްޑީ ހެއްދެވީ، ފްރާންސްގެ ޔުނިވާސިޓީ އޮފް މޮންޓްޕެލިއާ އިން ފަންކްޝަނަލް އިކޮލޮޖީގެ ދާއިރާއިންނެވެ. އަދި މާސްޓާސް ހެއްދެވީ އޮސްޓްރޭލިއާގެ ޖޭމްސް ކުކް ޔުނިވާސިޓީގެ އެމްއޭއެސްސީންނެވެ.

ޑީން އައްޔަން ކުރަން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެމްއެންޔޫގެ ވައިސް ޗާންސެލަރު، ޑރ އާއިޝަތު ޝެހެނާޒު އާދަމް ވިދާޅުވީ، ފިޝަރީޒް ކޮލެޖާއެކު ރާއްޖޭގައި މަތީ ތަޢުލީމަށް އަމާޒުކޮށް މަސްވެރިކަމާ ބެހޭ ކޯސްތަކަށް ފުރުސަތު ހުޅުވިގެން ދާނެ ކަމަށެވެ.

މިހާރު ވެސް އެތަނުން އޮތީ ހަތަރު ކޯހަކަށް ހުޅުވާލައިފަ އެވެ.

ޝެހެނާޒް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި މަސްވެރިކަމާ ގުޅުން ހުރި މަތީ ޕޯސްޓް ގްރެޖުއޭޓް ކޯސްތައް ވެސް ފިޝަރީޒް އެ ކޮލެޖުން ހިންގައި ދިރާސާ ކުރުމުގެ މާހައުލެއް ޤާއިމް ކުރެވޭނެ ކަމަށެވެ.

ރިޔާޒު ޖައުހަރީ ވިދާޅުވީ، ފިޝަރީޒް ކޮލެޖް ވާނީ ހަމައެކަނި ތައުލީމު ފަތުރާ މުއަސަސާއަކަށް ނޫން ކަމަށާއި އެތަން ވާނީ މާހައުލީ ނިޒާމްތައް ދެނެގަނެ އެތަންތަން ކުރިއަށް އޮތް ޖީލުތަކަށް ހެޔޮ ގޮތުގައި ވާޞިލް ކުރުމަށް އެޅޭ ވަރަށް މުހިންމު ބިންގަލަކަށް ކަމަށެވެ. އެގޮތުން ފިޝަރީޒް ކޮލެޖުން ކިޔަވާ ދަރިވަރުން ވާނީ ދިރާސާތަކުގެ އަލީގައި ތަޢުލީމް ޙާޞިލްކޮށް ރާއްޖޭގެ މެރިން ސައިންސްގެ ދާއިރާގައި އިސްވެ މަސައްކަތް ކުރާ ބަޔަކަށް ކަމަށް ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވި ގޮތުގައި ފިޝަރީޒް ކޮލެޖުން ފޯރުކޮށްދޭ ތަޢުލީމު ވާނީ ރާއްޖޭގެ މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކުގެ ނަފާ އެންމެ ފުރިހަމައަށް ހޯދުމަށް މަގުފަހިކޮށްދޭ ޢިލްމަށް ކަމަށެވެ. އެގޮތުން މެރިން ބައޮލޮޖީ، އޯޝަނޮގުރަފީ، މެރިން ސްޕޭޝަލް ޕްލޭނިން، މެރިން އިކޯސިސްޓަމް އެސެސްމަންޓް އެންޑް މެނޭޖްމަންޓް އަދި ފިޝަރީޒް މެނޭޖްމަންޓް ފަދަ ކޯސްތައް ހިންގާނެ ކަމަށް ވިދާޅުވި އެވެ. ކަމަށެވެ.

ފިޝަރީޒް ކޮލެޖް ގާއިމު ކުރަން ފިޝަރީޒް މިނިސްޓްރީ އާއި ގައުމީ އެމްއެންޔޫއާ ދެމެދު ސޮއިކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ގަ އެވެ.