ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އާއި ގެދޮރުވެރިކަމާ ބެހޭ އެކި ޔޫނިއަންތަކާ މިއަދު ބައްދަލު ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު ސޯޝަލް މީޑިއާ މެދުވެރިކޮށް ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ބައްދަލުކުރައްވާނީ ބޮޑު ކަންނެލީގެ ޔުނިއަންގެ އިތުރުން ގެދޮރުވެރިންގެ ޔޫނިއަންތައް ކަމަށްވާ ފަހި ޔޫނިއަން ގިރާވަރު މާލެ ސިޓިޒަންސް އެސޯސިއޭޝަންސް ގުޅިފަޅު ރައްޔިތުންގެ އެސޯސިއޭޝަން ހުޅުމާލެ ރައްޔިތުންގެ ކޮމިޓީ އަދި މާލެ ރަށްވެހިންގެ ޖަމިއްޔާގެ އިސްވެރިންނާ ކަމަށެވެ.
އެގޮތުން ގެދޮރުވެރިކަމާ ގުޅޭ ހުރިހާ ޔުނިއަންތަކާ އެއްކޮށް ބައްދަލުވުމެއް ބާއްވާ އިރު، ބޮޑުކަންނެލީގެ މަސްވެރިންގެ ޔުނިއަންއާ ބައްދަލު ކުރައްވާނީ އެހެން ބައްދަލުވުމެއްގަ އެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އަދި ސިޔާސަތަކީ ކޮންމެ ދާއިރާއަކުން ވެސް އެ ދާއިރާއެއްގެ މަސައްކަތްކުރާ ބައެއްގެ އަޑު އަހައިގެން ކަންކަން ކުރިއަށް ގެންދިއުން ކަމަށެވެ. މިދިޔަ ހަފުތާގައި ލޭނުގެ މަސްވެރިކަމަށް ހުއްދަ ނުދޭން ވެސް ރައީސް ނިންމެވީ ބޮޑުކަންނެލީގެ ޔުނިއަންގެ ފަރާތުން ހުށަހެޅި ކަންބޮޑުވުންތަކާ ގުޅިގެންނެވެ.
"އިރާދަކުރެއްވިއްޔާ މި ބައްދަލުވުމުގެ ނަތީޖާއަކަށްވެގެން ދާނީ މި ހުރިހާ ބޭފުޅުން މިދައްކާ ވާހަކަ އަޑުއަހައިގެން އިރާދަކުރެއްވިއްޔާ ކަންތައްތައް ގެދޮރުވެރިކަމުގެ ދާއިރާއިން ސަރުކާރުން މިހާރު ކުރިއަށް ގެންދާ ކަންތައްތައް އަދި ކުރިއަށް އޮތް ތާގައި ނިންމަން ހުރި ކަންކަމުގައިވެސް ހިޔާލާ މަޝްވަރާ ލިބިގެން ކަންތައްތައް ނިންމުން." ރައީސް ވިދާޅުވި އެވެ.