Last Updated: September 16, 22:20
Monday, September 16, 2024
ދުނިޔެ

ރަޝިއާގެ "ޖާސޫސީ ބޮޑުމަސް" މަރުވެއްޖެ!

ރަޝިއާ އަށް "ޖާސޫސްކޮށްދޭން" ޓްރެއިންކޮށްފައިވާ ކަމަށް ހުޅަނގުން ތުހުމަތުކުރާ ބޮޑުމަސް މަރުވެއްޖެ އެވެ.

މީޑިއާތަކުން ބުނީ ވަނަމަކަށް "ވަލްޑިމީރް" ކިޔާ ބޮޑުމަސް ނޯވޭގެ ދެކުނުގެ އަވަށެއް ކަމަށްވާ ރިސަވިކާގެ އައްސޭރީގެ ސަރަހައްދުގައި މަރުވެގައި އޮއްވައި އިއްޔެ ފެނުނީ "މެރިން މައިންޑް" ކިޔާ ޖަމާއަތެއްގެ ބަޔަކަށް ކަމަށެވެ. އެ ޖަމާއަތަކީ މީގެ ފަސް އަހަރު ކުރިން "ވަލްޑަމީރް" ނޯވޭ އިން ފެނުނު ހިސާބުން ފެށިގެން، ފާއިތުވި މުއްދަތުގެ ތެރޭގައި އޭގެ ހަރަކާތްތައް ޓްރެކް ވެސް ކުރަމުން ދިޔަ ޖަމިއްޔާ އެވެ.

"ވަލްޑިމީރް" އަކީ ރަޝިއާ އަށް ޖާސޫސްކޮށް ދޭން ޓްރެއިންކޮށްފައިވާ ބޮޑުމަހެއް ކަމަށް ބުނަން ފެށީ އޭގައި "އިކްޕްމަންޓް އޮފް އެސްޓީ ޕީޓާސްބާގް" ލިޔެފައިވާތީ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް މި ތުހުމަތުތަކަށް ރަޝިއާ އިން މިހާތަނަށް އެއްވެސް ރައްދެއް ދީފައެއް ނުވެ އެވެ.

މެރިން މައިންޑް ބާނީ ސެނަސްޓިއަން ސްޓްރޭންޑް ވިދާޅުވީ "ވަލްޑިމީރް" މަރުވީ ކިހިނެއްކަން ސާފުނުވާ ކަމަށާއި އެ ފެނުނު އިރު ހަށިގަނޑުން އެއްވެސް ކަހަލަ ގެއްލުމެއް ވެސް ފެންނަން ނެތް ކަމަށެވެ. އެހެންވެ އޭގެ ނެކްރޮސްކޯޕީއެއް ހަދަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެެ.

"ވަލްޑިމީރް" އެންމެ ފުރަތަމަ ނޯވޭގެ ކަނޑުގެ ސަރަހައްދުން ފެނުނީ 2019 ގެ އެޕްރީލް މަހުގެ ތެރޭގަ އެވެ. އޭގެ އުމުރަކަށް ލަފާކޮށްފައި ވަނީ 15 އަހަރެވެ.