Last Updated: November 24, 21:27
Sunday, November 24, 2024
ޚަބަރު

ވަޖީހު ދެއްކެވީ އިގުތިސާދު ކުރިއަރާކަމުގެ ހެކި!

ރާއްޖޭގެ އިގުތިސާދު އަންނަނީ ވަރަށް ބޮޑަށް ރަނގަޅުވަމުން ކަމަށާއި ރާއްޖެ އެތެރެ ކުރަމުން އަންނަ މުދަލުގެ ނިސްބަތަށް ބަލާ އިރު އެކަން ދައްކުވައިދޭ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވެއްޖެ އެވެ.

ދެހާސް އަށާރައިން ފެށިގެން މި އަހަރާ ހަމައަށް ރާއްޖެ އަށް މުދާ އެތެރެކޮށްފައިވާ މިންވަރު ދައްކުވައިދޭ ތަސާސްހިސާބުތަކެއް ހިމެނޭ ގްރާފްތަކެއް ފޭސްބުކްގައި ހިއްސާ ކުރައްވައި އޭނަ ވިދާޅުވީ އިގުތިސާދަށް އަންނަމުންދާ ބަދަލުތައް، އެންމެ ރަނގަޅަށް ވަޒަން ކޮށްލެވޭނެ އެއް ކަމަކީ، ރާއްޖެ އަށް އެތެރެކުރާ މުދަލުގެ އަދަދަށް އަންނަމުންދާ އުނި އިތުރުވުމުން ކަމަށެވެ.

ވަޖީހު ވިދާޅުވީ ރާއްޖޭގެ ތާރީޚަށް ބަލާއިރު މީގެ ކުރިން، ކޮންޓެއިނަރައިޒް ކާގޯ އެންމެ ގިނައިން ރާއްޖެ އަށް އެތެރެ ކުރެވިފައި ވަނީ 2018 ވަނަ އަހަރު ކަމަށެވެ.

އެހެންވެ ރާއްޖޭގެ އިޤްތިސާދަށް އަންނަމުންދާ ބަދަލުތައް ވަޒަން ކޮށްލުމަށްޓަކައި، ދެ ގްރާފުން ދައްކުވައި ދެނީ އެ އަހަރުން ފެށިގެން މި އަހަރުގެ އޯގަސްޓު މަހުގެ ނިޔަލަށް ކޮންމެ އަހަރަކުވެސް އެވްރެޖްކޮށް މަހެއްގެ މައްޗަށް ރާއްޖެ އަށް، ޖެނެރަލް ކާގޯ އާއި، ކޮންޓެއިނަރައިޒް ކާގޯ އެތެރެ ކުރެވިފައިވާ މިންވަރު ކަމަށެވެ.

"ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ، ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވެރިކަން ފެށިގެން މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ރާއްޖެ އަށް އެތެރެކުރެވިފައިވާ މުދަލުގެ އަދަދު ރާއްޖޭގެ ތާރީޚުގައި ދުވަހަކު ވެސް އިތުރު ނުވާ މިންވަރަށް އިތުރުވެފައިވާކަން." ވަޖީހު ވިދާޅުވި އެވެ. "މިއިން ދައްކައި ދެނީ، ރައީސްގެ ވެރިކަން ފެށުމާ އެކު ރާއްޖޭގެ އިޤްތިސާދަށް ހެޔޮ ބަދަލު އަންނަން ފަށައި، އިޤްތިސާދު ކުރިއަރަން ފަށާފައިވާކަން."

އޭނަ ވިދާޅުވީ މިހާރު ފެށުމަށް ތައްޔާރު ވަމުން އަންނަ، ސަރުކާރުގެ މުހިއްމު ޕްރޮޖެކްޓްތައް ފެށުމުން، ރާއްޖޭގެ އިގުތިސާދު ދުވަހަކު ވެސް ކުރިއަރާފައި ނުވާ މިންވަރަށް ކުރިއަރައި، ރައްޔިތުންގެ ފުދުންތެރިކަން ވަރަށް ބޮޑަށް އިތުރުވެގެން ދާނެ ކަމެވެ.