Last Updated: September 16, 22:20
Monday, September 16, 2024
މުނިފޫހިފިލުވުން

"ބިގް ބޮސް 18" އަށް ތައްޔާރު ވަނީ

ބޮލީވުޑްގެ ތަރި ސަލްމާން ޚާން ހޯސްޓްކުރާ ކަލާސް ޓީވީގެ މަގުބޫލު ރިއަލިޓީ ޝޯ، "ބިގް ބޮސް" ގެ 18 ވަނަ ސީޒަން އަންނަ މަހު ދައްކަން ފަށާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ މި ޝޯގެ ތައްޔާރީތައް މިހާރު ވަރަށް ބާރަށް ކުރިއަށްދާ އިރު، ވަރަށް އަވަހަށް ޝޯގެ ޕްރޮމޯއެއް ވެސް އާންމުކުރާނެ ކަމަށެވެ. އަދި ލަސްތަކެއް ނުވެ މި ފަހަރުގެ ސީޒަންގައި ވާދަކުރާނެ ސެލެބްރިޓީން ވެސް ފައިނަލް ކުރެވޭނެ އެވެ. "ބިގް ބޮސް 18" އިން ފެންނާނެ ކަމަށް ބުނާ މަޝްހޫރު ޓީވީ ތަރިންގެ ތެރޭގައި އަރުޖިން ބިޖިލާނީ، ޝުއައިބް އިބްރާހީމް، ދީރަޖް ދޫޕަރް އަނީތާ ހަސަނަންދާތީ، ޝަހީރު ޝެއިހް ސުރްބީ ޖޯތީ، ކަނިކާ މަން، ޒާން ޚާން، އަންޖަލީ އާނަންދު، މާންސީ ސްރިވަސްތާވް އަދި ދީޕިކާ އަރިއާ ހިމެނެ އެވެ.

މީގެ އިތުރުން ބޮލީވުޑްގެ ކުރީގެ ބަތަލާ ސަމީރާ ރެޑީ އަށް ވެސް "ބިގް ބޮސް 18" ހުށަަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޝޯގެ އާ ސީޒަން ފަށަން ތައްޔާރީތައް ވަމުން އަންނަ އިރު، ސަލްމާން މިހާރު އަންނަނީ ފިލްމު "ސިކަންދަރު" ގެ މަސައްކަތް ކުރަމުންނެވެ.

"ބިގް ބޮސް" އޯޓިޓީ ވާޝަނެއް ވެސް މިހާރު ގެނެސްދެ އެވެ. އެގޮތުން ދާދި ފަހުން ނިންމައިލި ތިން ވަނަ ސީޒަން ހޯސްޓްކުރީ އެކްޓަރު އަނިލް ކަޕޫރެވެ. އެ ސީޒަން ކާމިޔާބުކުރީ ސަނާ މަކްބޫލެވެ.

މި އަހަރުގެ ޖެނުއަރީގައި ނިންމާލި "ބިގް ބޮސް 17" ކާމިޔާބުކުރީ ސްޓޭންޑަޕް ކޮމީޑިއަން މުނައްވަރު ފާރޫގީ އެވެ.