މި ސަރުކާރުން އެމަނިކުފާނާ ދޭތެރޭ ކަންކުރަނީ މާ ގޯސްކޮށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
ޕީއެންއެފުން ރޭ ބޭއްވި ފްރޮންޓް އޮފީހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒަކީ އެމަނިކުފާނާ ދޭތެރޭ އިހުސާންތެރިކަމާ އެކީ ކަންކުރައްވާ ބޭފުޅެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި މި ސަރުކާރުން އެމަނިކުފާނާ ދޭތެރޭ ކަންކަން ކުރައްވަނީ އެމްޑީޕީ ސަރުކާރަށް ވުރެ ގޯސްކޮށް ކަމަށެވެ.
"ހަމަ އެމްޑީޕީ، އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުގައި އޮތް ގޮތަށް ވުރެ އިތުރަށް ގޯސްކޮށް މިކުރަނީ. ހަމަ އިތުރަށް ގޯސްކޮށް،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ މި ސަރުކާރު އައި ފަހުން ވެސް ގާނޫނީ ހުރަސްތަކެއް ހުރި ކަމަށް ބުނެ މީޑިޔާއާ ބައްދަލުކުރަން ފަދަ ކަންކަން ކުރަން ވެސް ފުރުސަތު ނުދީ ހިފެހެއްޓި ކަމަށާއި އަދި ކަރެކްޝަނަލް ސާވިސް އަށް ވެސް އަމުރުކުރަނީ ރައީސް އޮފީހުން ކަމަށެވެ. އަދި އެމަނިކުފާނާ އެކީ "އިންޑިއާ އައުޓް" ހަރަކާތާއި ކަނޑުގެ ސަރަހައްދު ހޯދުން ފަދަ ކަންކަމުގައި މަސައްކަތް ކުރި ފަރާތްތައް މިއަދު އޭގެއިން ވާހަކައެއް ނުދައްކާތީ އެ ފަރާތްތައް "މަންމަންވީތޯ" ވެސް ޔާމީން ސުވާލު އުފެއްދެވި އެވެ.
"އަޅުގަނޑާ އެކީ އެހާ ގާތްކޮށް ދިވެހި ރައްޔިތުން ކައިރިއަށް ގޮސް މަސައްކަތް ކުރި ބަޔަކު މިހާރު ކިހިނެއް ވީތޯއޭ. އެމީހުންގެ އަނގައިގަ ފުޅަ އެޅީތޯ މި. ކީއްވެގެންތޯ އަނގަ ހުޅުވާލަން ނުކުރެގެން އެ އުޅެނީ؟،" ޔާމީން ވިދާޅުވި އެވެ.