ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުގެ ބެލުމުގެ ދަށުގައިވާ އިޒްރޭލުގެ އަސީރުން ސަލާމަތް ކުރަން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ.
ބައިޑެން މިހެން ވިދާޅުވެފައިވަނީ ހަމާސްގެ އަތްދަށުގައިވާ އިޒްރޭލުގެ އަސީރުންގެ ތެރެއިން ހަ މީހެއްގެ މަރުވެފައިވާ ހަށިތައް ފެނިފައިވާ ދަނޑިވަޅެއްގަ އެވެ. އެއާއެކު ނަތަންޔާހޫގެ ސަރުކާރާ ދެކޮޅަށް އެގައުމުގައި އަންނަނީ ބޮޑެތި މުޒާހަރާތަކެއް ބާއްވަމުންނެވެ.
އަސީރުން ސަލާމަތް ކުރުމާއި އަދި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ހޯދަން ނަތަންޔާހޫ އެކަށީގެންވާ ވަރަށް މަސައްކަތް ކުރާ ކަމަށް ގަބޫލުކުރައްވަންތޯ އިއްޔެ ނޫސްވެރިއަކު ސުވާލު ކުރުމުން ބައިޑެން ވަނީ އެކަމަށް ނަތަންޔާހޫ އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާ ކަމަށް ވިދާޅުވެފަ އެވެ. އެކަމުގެ އިތުރު ތަފްސީލެއް ބައިޑެން ދެއްވާފައެއް ނުވެ އެވެ.
ބައިޑެން ވަނީ އެއްބަސްވުމެއް ހޯދަން ކުރާ މަސައްކަތް އެމެރިކާ އިން ހުއްޓާ ނުލާނެ ކަމަށާއި އެކަމަށް ވީ އެންމެ ބޮޑަކަށް މަސައްކަތް ކުރާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.
ބައިޑެން މިހެން ވިދާޅުވި އިރު ހަމާސް އިން ވަނީ އަސީރުން މަރުވުމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނީ ނަތަންޔާހޫ ކަމަށް ބުނެފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އަސީރުން ސަލާމަތް ކުރަން އެއްބަސްވުމަކަށް އައުމުގެ ބަދަލުގައި އިޒްރޭލުން އަސްކަރިއްޔާ ބޭނުންކޮށްގެން ހަމަލާތައް ދެމުންދާނަމަ އަސީރުން އަނބުރާ ގައުމަށް ގެންދަން ޖެހޭނީ ސަންދޯކުގައި ކަމަށްވެސް ހަމާސް އިން ބުނެފައިވެ އެވެ.
ހަމާސް އިން ވަނީ އިޒްރޭލުގެ އަސީރުންގެ ތެރެއިން ހަ މީހަކު މަރުވެފައިވަނީ އިޒްރޭލުން ދިން ވައިގެ ހަމަލާތަކެއްގައި ކަމަށް ތުހުމަތުކޮށްފަ އެވެ.