Last Updated: September 16, 22:20
Monday, September 16, 2024
މުނިފޫހިފިލުވުން

ކަންގަނާ އާ ފިލްމަކަށް ސޮއިކޮށްފި

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހަށް ހޮވުނު ފަހުން، އެ ގައުމުގެ މަޝްހޫރު ބަތަލާ ކަންގަނާ ރަނާވަތު އާ ފިލްމަކަށް ސޮއިކޮށްފި އެވެ.

ހަތަރު ނެޝަނަލް އެވޯޑް ހާސިލުކޮށްފައިވާ ހުނަރުވެރި ބަތަލާ ސޮއިކުރި އާ ފިލްމުގެ ނަމަކީ "ބާރަތު ބަގިއާ ވިދާތާ" އެެވެ. މިއީ މަނޯޖް ތަޕާޑިއާ ލިޔެ، ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ފިލްމެކެވެ. މާ ބޮޑު ތަފުސީލެއް އަދި ހާމަނުކުރާ "ބާރަތު ބަގިއާ ވިދާތާ" އަކީ އާދައިގެ މީހުން ހޯދާފައިވާ ކާމިޔާބީތަކާއި ކުރިއެރުންތަކުގެ މައްޗަށް ބިނާކޮށް ހަދަން ހަމަޖެހިފައިވާ ފިލްމެކެވެ.

އިންޑިއާގެ ވެރިކަން ކުރާ ޕާޓީ، ބީޖޭޕީގެ މެންބަރެއްގެ ގޮތުގައި ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޯކް ސަބާގައި ހިމާޗަލް ޕްރަދޭޝްގެ މަންޑީ ދާއިރާ ތަމްސީލު ކުރާ ކަންގަނާ، އާ ފިލްމަކަށް ސޮއިކުރި އިރު، އަންނަ ހުކުރު ދުވަހު ރިލީޒްކުރަން ޕްލޭންކުރި އޭނަގެ ސިޔާސީ ފިލްމު "އިމަޖެންސީ" އާ ދެކޮޅަށް ބައެއް ސްޓޭޓްތަކުން ނުކުމެ، ފިލްމު ދެއްކުން މަނާކުރަން ގޮވަން ފެށުމާ ގުޅިގެން ފިލްމު ރިލީޒްކުރުން ވަނީ މަޑުޖައްސާލައިފަ އެވެ.

ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ރޯލު ކަންގަނާ ކުޅެފައިވާ މި ފިލްމަކީ އޭނަ ޕްރޮޑިއުސްކޮށް، ޑައިރެކްޓް ވެސް ކުރި ފިލްމެކެވެ.

ގާނޫނު ހަދާ މަޖިލީހަށް ކެމްޕޭން ކުރި ދުވަސްވަރު، ލޯކް ސަބާ އަށް ހޮވިއްޖެ ނަމަ ފިލްމީ މަސައްކަތްތައް ދޫކޮށްލައި، ސިޔާސީ މަސައްކަތްތަކަށް އެއްކޮށް ހުސްވާނެ ކަމަށް ކަންގަނާ ބުނެފައިވެ އެވެ. ނަމަވެސް އޭނަ މިހާރު ނިންމައިގެން ހުރީ ސިޔާސީ މަސައްކަތާ އެކީގައި ފިލްމީ މަސައްކަތްތައް ވެސް ކުރިއަށް ގެންދާށެވެ.