Last Updated: September 16, 22:20
Monday, September 16, 2024
ދުނިޔެ

ޓޫރިސްޓުން އެތެރެވާން ނަގާ ފީ ބޮޑުކުރަން ނިންމައިފި

ނިއު ޒީލެންޑަށް އެތެރެވާން ޓޫރިސްޓުން އަަތުން ނަގަމުން އަންނަ އިންޓަނޭޝަނަލް ވިޒިޓާ ލެވީ (އައިވީއެލް) ތިން ގުނަ ބޮޑުކުރަން ނިންމައިފި އެވެ.

އެ ގައުމުން ސަރުކާރުން މިކަން މިއަދު އިއުލާންކޮށް ބުނީ މިހާރު ފީއަކަށް ނަގަމުން އަންނަ 35 ނިއު ޒީލެންޑްގެ ޑޮލަރުގެ ބަދަލުގައި އަންނަ މަހުގެ 1 އިން ފެށިގެން ނަގާނީ 100 ނިއު ޒީލޭންޑް ޑޮލަރު (81 އެމެރިކާ ޑޮލަރު) ކަމަށެވެ. ސަރުކާރުން ބުނީ ފީ އަށް ގެންނަން ނިންމި ބަދަލާ އެކީ ނިއު ޒީލެންޑުން ޓޫރިސްޓުންނަށް ލިބޭ ހިދުމަތްތައް އިތުރަށް ރަނގަޅު ވާނެ ކަމަށެވެ. އަދި މީގެ ސަބަބުން ޓޫރިސްޓުން އެ ގައުމަށް ޒިޔާރަތްކުރާ އަދަދު މަދުނުވާނެކަމުގެ ޔަގީކަން ވެސް އޮތް ކަމަށް ސަރުކާރުން ބުންޏެވެ.

އެ ގައުމުން (އައިވީއެލް) އަށް 35 ޑޮލަރު ނަގަން ފެށީ 2019 ގަ އެވެ.

މި ފީ ބޮޑު ކުރަން ނިންމުމާ ގުޅިގެން ނިއު ޒީލެންޑްގެ ޓޫރިޒަމް ޖަމާއަތްތަކުން މިހާރު ވަނީ ކަންބޮޑުވުން ފާޅުކުރަން ފަށައިފަ އެވެ. އެގޮތުން މިއީ ޓޫރިސްޓުން ޒިޔާރަތްކުރާ އަދަދު މަދުވާނެ ކަމެއް ކަމަށް ދަނީ ބުނަމުންނެވެ. އަދި ކޮވިޑްގެ ފަހުން އަދިވެސް އެ ގައުމުގެ ޓޫރިޒަމް އިންޑަސްޓްރީ އަށް ދުނިޔޭގެ އެހެން ހިސާބުތަކާ އަޅާބަލާ އިރު، މާ ބޮޑު ކުރިއެރުމެއް ނައިސް އޮތްވައި ޓޫރިސްޓުން އެތެރެވާން ނަގާ ފީ ބޮޑު ކުރުމަކީ މީގެ ސަބަބުން ޓޫރިޒަމް އިންޑަސްޓްރީ އަށް ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް ދަނީ ބުނަމުންނެވެ.